ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ލީޑަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފި އެވެ.
މި މަގާމަށް ރައީސް މުއިއްޒު އިންތިހާބު ކުރީ މިރޭ ބޭއްވި ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ އިއްތިފާގުންނެވެ. ރައީސް މުއިއްޒަކީ ޕީއެންސީގެ ރައީސް ވެސް މެ އެވެ.
ޕީޕީއެމް-ޕީއެންސީގެ ލީޑަރު ކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް ޔާމީން ދާދިފަހުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފަ އެވެ. ޔާމީން ޕީޕީއެމްއާ ދުރަށް ވަޑައިގެންނެވީ ޕީޕީއެމްގެ ލީޑަޝިޕާއި މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު އެ ޕާޓީ ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 29 ގަ އެވެ.
ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. އެ މަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި 3000 މެންބަރުން ހަމަކުރުމުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެންބަރުން ހަމަވުމުންނެވެ.