ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވެ ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަން ޕީޕީއެމް-ޕީއެންސީން ދެކޮޅު ހަދައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވަނީސް ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އަދި ޔާމީން ގުޅުއްވަމުން، ރައީސް މުއިއްޒު ފޯނަށް ޖަވާބު ނުދެއްވާ ކަމަށްވެސް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވި އެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވި އިރު ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.
މިރޭ ޕީޕީއެމް-ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން މިނިވަން ނުވެ ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމް-ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ. އަދި އެކަމާ ނުގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ކޮންމެ ކަމެއް ވެސް ކުރައްވަން. އެހެންވީމަ ގާނޫނީ އިމުގެ ތެރެއިން އެކަމެއް އެ އޮންނަ އުސޫލެއްގެ ތެރެއިން ހިނގަމުންދާނެ ކަމާމެދު ސުވާލެއް ވެސް ނެތް،" އަދުރޭ ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ޝަރުއީ ދާއިރާ އަށް ނުފޫޒެއް ނުފޯރުވާނެ،"
ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.