ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ސަސްޕެންޑްކޮށް އޭނާ ފުރަން ހުއްދަ ދީފައިވާތީ އެ ހުއްދަ ބާތިލްކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އަންމަޓީ ފުރަން ހުއްދަދީ ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް މިހާރު އެދިފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެކެވެ. މި ދައުވާތަކާ ގުޅިގެން އައްމަޓީގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އައްމަޓީގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ ސިރިއަސް އޮޕަރޭޝަނެއް ކަމަށާއި އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދުމަށް އޭނާ އެދިފައިވާތީ، ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް އަމުރުގައިވެ އެވެ.
އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.
އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2022 މޭ 30 ގައެވެ. މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.