Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ހަކަތައިގެ ބިޔަ މަޝްރޫއެއް އަންނަ އަހަރު ފަށަނީ

ހަކަތައިގެ ބިޔަ މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ކަރަންޓުގެ ޚިދުމަތަށް 74 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ފަހުމީ ވިދާޅުވީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ބިޔަ ހިކަތައިގެ މަޝްރޫއު އަންނަ އަހަރު ހިންގާނެ ކަމަށާއި އެ ޕްރޮޖެކްޓާއެކު މި ސިނާއަތުގައި ތަމްރީނު ކުރާނެ މީހުން ބިނާކުރުމުގެ ޕްރޮޖެކްޓެއް އަންނަ އަހަރު ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ 100 މެގަވޮޓްގެ ޕަވާ ޕްލާންޓެއް އެޅުމުގެ މަސައްކަތް ފަށާ އަދި އޭގެތެރެއިން ރަނގަޅު އަދަދަކަށް ސްކޮލަޝިޕް ޒުވާނުންނަށް ލިބޭނެ މަގުފަހިކޮށްދިނުން،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯ އިން ތަނަވަސްކޮށްދޭ ފުރުސަތުތައް ކުންފުނީގައި މަސައްކަތް ކުރާ ފިރިހެނުންނެކޭ އެއްފަދައިން ކަނބަލުންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި އަބަދުވެސް ސްޓެލްކޯ އިން ބަލަނީ ވީ އެންމެ ރަނގަޅަކަށް ހިދުމަތް ދިނުމަށް ކަމަށާއި ލުއި ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ލިބިގަނެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"މިއަށް ވުރެ ފަސޭހަކޮށް، ތި ބޭފުޅުން ގޭގައި ތިއްބަވައިގެން އެޕްލިކޭޝަން ހުށަހަޅައިގެން ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ގެންދަން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ސްމާޓް މީޓަރު ޕްރޮޖެކްޓެއް ވެސް ހިންގާނެ ކަމަށާއި އެ ޕްރޮޖެކްޓާއެކު ކަރަންޓު ބިލަށް އަރާ ވަރު ފޯނުން ފެންނަ ގޮތް ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ. ދުވަހުން ދުވަހަށް ކަރަންޓް ބިލަށް އަރާ ވަރު އެނގުމަކީ ކަރަންޓު ބިލު ކުޑަކުރުމަށް ލިބިދޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.