Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ކުނި މެނޭޖްކުރަށް އަވަސް ހައްލެއް ހޯދާނަން

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ކުނި މެނޭޖްކުރުމަކީ އަޅާނުލެވިފައިވާ ކަމެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ހުންނެވީ އެ މައްސަލަތަކަށް ސްޓްރެޓީޖިކަލީ ޙައްލު ހޯދައިދިނުމަށްކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠޯރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހަފްތާ ބަންދުގެ ތެރޭގައި ދ އަތޮޅަށް ހަފްތާ ކުރެއްވި ދަތުރަށްފަހު މިނިސްޓަރު ވިދާޅުވީ މި ދަތުރުން ދ އަތޮޅުގެ ގިނަ ރަށްރަށުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމުގެ ގޮތްތައް މިހާތަނަށް ނެތުން ކަމަށާއި އަދި، ކުނި މެނޭޖް ކުރެވޭނެ ގޮތްތައް ހަދައިދިނުމަށް އެ ރަށްތަކުން އެދުނު ކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި މައްސަލަތަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ދަތުރުގައި މިނިސްޓްރީގެ އިސް ވަފުދެއް ވަނީ ދ.ކުޑަހުވަދޫ، ދ.ހުޅުދެލި، ދ.ރިނބުދޫ، ދ.މީދޫ، ދ.ބަނޑިދޫ އަދި ދ.މާއެނބޫދޫއަށް ޒިޔާރާތްކޮށް، އެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ބަލާފަ އެވެ.

މިނިސްޓަރު ވަނީ މި ދަތުރުގެ ރިޕޯޓް ހަފްތާ ފެށުމާއެކީ ރައީސް މުޢިއްޒަށް އަރުވާނެ ކަމަށާއި އޭގެ ސަބަބުން މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދޭނެ ކަމަށެވެ. އަދި، ރައީސްގެ ވިސްނުންފުޅަކީ ރާއްޖެއަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާއެކީ ސްޓްރެޓީޖިކަލީ ޙައްލު ހޯދުންކަމަށް ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ މި ދަތުރުގައި ހުރިހާ ރަށަކުންވެސް ފާހަގަކޮށްފައިވަނީ ކުނި މެނޭޖް ކުރުމުގެ މައްސަލަ ކަމަށް ބުނެފަ އެވެ.