Last Updated: April 30, 19:33
Tuesday, April 30, 2024
ޚަބަރު

ޑިމޮކްރެޓުންގެ މަޖިލީސް ޕްރަައިމަރީ ފެބްރުއަރީ 17 ގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ހުރިހާ އިންތިހާބީ ދާއިރާކަށް ވާދަކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ޑިމޮކްރެޓުންގެ ނޭޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޕާޓީގެ އިދާރީ ހިންގުމުގެ ބޭނުމަށް އުފައްދާ އިންތިހާބުތަކާ ގުޅޭ ކޮމިޓީގެ ބެލުމުގެ ދަށުން ފެބްރުއަރީ 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކަމަށެވެ.

ޑިމޮކްރެޓުންގެ ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކަކީ ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރަކަށް ވާން ޖެހެ އެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭކަ މަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރަކަށް ވެސް ވާން ޖެހެ އެވެ.

ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ޑިމޮކްރެޓުން ބުނެ އެވެ.

މި ޕްރައިމަރީގައި ވޯޓު ދެވޭނީ ފެބްރުއަރީ ހަތަރުވަަނަ ދުވަހުގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓާ ކުރެވޭ މެމްބަރުންނަށެވެ.