Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ސްކޫލް ބަންދާ އެކީ ފުލުހުންގެ އޮޕަރޭޝަނެއް

ފުރަތަމަ ޓާމަށް ފަހު ސްކޫލްތައް ބަންދުވުމާ ގުޅިގެން ފުލުހުން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ސްކޫލު ބަންދު އޭގެ އެންމެ ފުރިހަމަ މާނައިގައި އިހުސާސްކޮށް ދިނުމާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އާންމު ރައްޔިތުންނާއި ފުލުހުންނާ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ފެށި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކުގައި މީހުން ގިނަވާ ވަގުތުތަކުގައި އާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި މާލޭގެ މަގުތައް އެންމެ އަމާންވާ ވަގުތުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމުގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި ވީސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓަރ ކުރަމުން ގެންދާނެ އެވެ. އަދި ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފަށް މުދަލާއި މީހުން އަރުވައިގެން އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދޭނެ އެވެ.

އަދި ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ޗެކުކުރުމާއި އެއްގަމު އުޅަނދުތަކުގެ ހާލަތު ބެލުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެކަން ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދެވޭގޮތަށް މަސައްކަތްތައް ބައްޓަން ކުރެވެމުން ދާނެއެވެ. އަދި އަތޮޅު ތެރެއިން މާލެ އަންނަ މީހުންނާއި މާލެއިން ފުރާ މީހުން ފުރަންދާ ވަގުތުތަކުގައި މަގުތައް ބާރުބޮޑުވާނެކަމަށް ބެލެވޭތީ މީހުންނަށް ދަތިނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ދާނެއެވެ.

މީގެ އިތުރުން، ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވެސް މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އަވައްޓެރި ފުލުހުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާ އެކު ކުށުގެ ވެށިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި ހާއްސަ ގޮތެއްގައި ޗުއްޓީއަށް ފުރައިގެން ދާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތައް އޮޅުންފިލުވައި ދެމުން ގެންދާނެ އެވެ. އަދި ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވިފަތޯ ޔަގީން ކުރުމުށާއި ދިގު މުއްދަތަކަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ ގޭގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރުމަށާއި ގޭތެރެ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށާއި އަގުބޮޑެތި މުދަލާއި ފައިސާ ދޫކޮށްފައި ދާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ އިރުޝާދު ވެސް ދޭނެ އެވެ.

އަދި ހަމައެހެންމެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެއެވެ. އަދި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަމުންދާ ކުށްތައް އިތުރުވަމުން ދާތީ އެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ވެސް މައުލޫމާތު ދެމުންދާނެއެވެ. އަދި އައު އަހަރު ފާހަގަކުރުމުގައި ޖީނާއީ ކުށްތައް އިތުރުވިޔަ ނުދިނުމަށާއި އެފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ސަތާރަ ވަރަކަށް ދުވަހުގެ ބަންދަކަށް ފަހު ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވާނީ އަންނަ މަހުގެ 7 ގަ އެވެ.