Last Updated: July 27, 15:08
Saturday, July 27, 2024
ދީން

ޝާރްޖާގައި އާ އަހަރު ފާހަގަ ނުކުރާނެ

ފަލަސްތީންގެ ރައްޔިތުންނާ އެކީ ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން މީލާދީ އާ އަހަރު ޔޫއޭއީގެ ޝާރުޖާގައި ފާހަގަ ނުކުރަން އެ ސިޓީން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ޔޫއޭއީގައި ތިން ވަނަ އަށް އެންމެ ބައިބޯ ސިޓީން ބުނީ އާ އަހަރު ފާހަގަކުރުމުގެ އެއްވެސް ހަރަކާތްތަކެއް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެގޮތުން ހަވާ އެރުވުމާއި އާ އަހަރު ފާހަގަކުރަން މިއުޒިކް ޝޯތައް ފަދަ އެއްވެސް އިވެންޓެއް ޝާރްޖާގައި ކުރިއަށް ނުގެންދާނެ ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން އެ ސިޓީގެ ފުލުހުން ބުނީ އެ ނިންމުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭން އިލްތިމާސްކުރާ ކަމަށާއި އެ ނިންމުމާ ހިލާފަށް އެއްވެސް ބަޔަކު އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝާރްޖާ އިން ބުނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ވަރަށް ހާލުގައި ތިއްބައި އާ އަހަރުގެ އެއްވެސް އުފާފާޅު ކުރުމެއް ބާއްވަން ބޭނުން ނުވާ ކަމަށާއި އެ ރައްޔިތުންނާ އެކީ ސާބިތުކަމާ އެކީ ޝާރްޖާ އޮތްކަން އަންގައި ދޭން ބޭނުންވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި އިރު، 54،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

ޝާރްޖާ އިން މީލާދީ އާ އަހަރު ފާހަގަނުކުރަން ނިންމި އިރު، ޔޫއޭއީ އަކީ އަބަދު ވެސް ވަރަށް ކުލަގަދަކޮށް އާ އަހަރު ފާހަގަކުރާ ގައުމެކެވެ. އެގޮތުން ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާގައި ކުރިއަށް ގެންދާ ހަވާ އެރުވުމުގެ ހަރަކާތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ ކަމެކެވެ.