ފަލަސްތީންގެ މުސްލިމުން ކޮންމެ ދުވަހަކު ގަތުލުކުރެވެމުންދާ މި ހިތާމަވެރި ހާލަތުގައި ރާއްޖެ އިން އާ އަހަރު ފާހަގަކުރަން މިއުޒިކް ޝޯ ބާއްވައި ނާޗަރަންގީ ކުޅެން ނިންމުމަކީ ލަދުވެތި ކަމެއް ކަމަށާއި އެކަން ހުއްޓައިލަން ސަރުކާރަށް އަލީ ރަމީޒު ގޮވާލައިފި އެވެ.
ސަލަފު ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒު މިއަދު ފޭސްބުކް ޕޯސްޓެއްގައި ބުނީ އާ އަހަރު ފާހަގަކުރުމުގެ ނަމުގައި މިއުޒިކާއި ނާޗަރަންގީ ޝޯ ބާއްވައި އުފާފާޅު ކުރުމަކީ ވަރަށް ދެރަ އަދި ލަދުވެތި ކަމެއް ކަމަށެވެ.
"އެކަން ހުއްޓާލަން އަޅުގަނޑު ގޮވާލަން." އޭނަ ބުންޏެވެ.
މި ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުން އަލީ ރަމީޒު ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔަމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން ސަލަފު ޖަމިއްޔާ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ.
އާ އަހަރު ފާހަގަކުރަން މިއުޒިކް ޝޯ ބާއްވައި ހަވާ އަރުވަން ނިންމިކަން ޔޫތު މިނިސްޓްރީން އިއުލާންކޮށްފައި ވަނީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ ފަލަސްތީނު ރައްޔިތުން ހާލުގައި ތިއްބައި ރާއްޖޭގައި ހަވާ އެރުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކަމަށެވެ.