Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

"މަދިރިން ރައްކާ" ކެމްޕޭން ފަށައިފި

މަދިރިން ރައްކާތެރިވުމަށް "މަދިރިން ރައްކާ" ގެ ނަމުގައި މުޅި ރާއްޖެ ސާފު ކުރުމުގެ ކެމްޕޭން މިއަދު ފަށައިފި އެވެ.

މި ހަރަކާތް ފައްޓަވައި ދެއްވީ މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެ މަނިކުފާނު ވިދާޅުވީ ސާފުކުރުމުގެ ކެމްޕޭނަކީ ހުއްޓާލައި ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވިޔަސް މިހާރު ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއް ކަމަށް ނައިބު ވިދާޅުވި އެވެ.

އެހެންވެ ސަރުކާރުގެ އެކި މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެށްޓުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް ފެށި ކެމްޕެއިނަށް ރައްޔިތުން އެއްބާރުލުން ދީ ކޮންމެ ދުވަހަކު މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ފަރުދީ ގޮތުން ވެސް ޖަމާޢަތުގެ ގޮތުންވެސް އަދި ރައްޔިތުންނަށް ޚިދުމަތްދޭ ތަނެއްގެ ވިޔަސް އެފަދަ ފަރާތެއްގެ ކުޑަ ވެސް އިހުމާލަކުން ވަރަށް ބޮޑެތި ކަންކަމާ ކުރިމަތިލާން އެ ބަޖެހޭ. މިއަދު މިޙާލަތުން އަރައިގަތުމަށްޓަކައި މުޖުތަމަޢުގެ ފަރުދުންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދެއްކުން މުހިންމު،" ނައިބު ވިދާޅުވި އެވެ. "ތާރީހުގައި އަޅުގަނޑުމެން ވަނީ އެކަން އެގޮތަށް ދައްކައިދީފައި. އިޖުތިމާޢީ މިންގަނޑަށް ފެތޭނެ ގޮތަށް ތަންތަން ބެހެއްޓުން މުހިންމު. މަދިރި އާލާ ނުވާގޮތަށް ތަންތަން ބެހެއްޓުމަށް ސަމާލުކަން ދެއްވާ."