Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ވަޤުފު އިމާރާތަށް އައު ބިމެއް ހަމަޖައްސަނީ

މުޅިން އައު ވަޤުފް އިމާރާތެއް ކުރުމަށް މޭލެއިން ބިމެއް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ވަޤުފު އައު އިމާރާތެއް އެޅުމަށް ކެބިނެޓަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަރުދާހެއް ހުށަހަޅާފައެވެ. މިނިސްޓްރީން އައު ވަޤުފު އިމާރާތް ކުރުމަށް ހުށަހެޅުއްވީ ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމެވެ. ނަމަވެސް އެ ބިމަކީ ތަރީޙީ ގޮތުން މުހިންމު ބިމަކަށް ވުމާއެކު، އެ ބިމުގައި އިމާރާތް ނުކުރުމަށް ވަޒީރުންގެ މަޖިލީހުގައި ކުރެވެނު މަޝްވަރާތަކުން ވަނީ ލަފާ ދީފައެވެ.

މިއާއެކު ރައީސް ނިންމަވާފައި ވަނީ ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އެކަށީގެންވާ ބިމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ގުޅިގެން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ހަމަޖެއްސެވުމަށެވެ. މިމަސައްކަތަކީ ރާއްޖޭގައި ވަޤުފުތައް އިތުރުކޮށް ލިބޭ އާމްދަނީން ދީނީކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

މާލޭގައި އައު ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާއިރު، ރަށްރަށުގައިވެސް ވަޤުފު އިމާރާތްތައް އަޅަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު ނިންމާފައެވެ. މިގޮތުން މިފަދަ އިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުން ކުރަނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ދީނީ ކަންކަމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ އިމާރާތް އެޅުމަށް ގިނަ ބަޔަކު ގުޅިގެންވެސް ނިންމިދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.