Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

އިސްލާމީ ރިސާލަތު ޕްރޮގްރާމް އިފްތިތާހުކޮށްފި

މުޅި ރާއްޖޭގައި އިސްލާމްދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކަށް ހުރިހާ އުމުރުފުރައެއް ހޭލުންތެރިކަން އިތުރުކުރަން "އިސްލާމީ ރިސާލަތު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އެވެ.

ރިސާލަތު ޕްރޮގްރާމަކީ އިސްލާމްދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކަށް ހުރިހާ އުމުރުފުރައެއް ހޭލުންތެރިކަން އިތުރުކުރުވައި ލޯބިޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ.

މިނިސްޓަރު ޝަހީމު ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރާވާފައި އޮތީ ހުތުބާ، ދަރުސް، މީޑީޔާ ޕްރޮގްރާމްތަކާއި ފޯރަމް އަދި ސެމިނާތައް މެދުވެރިކޮށް ކަމަށެވެ. އަދި އުމްރާ ޓުއާތަކާއި ސްކޫލް އެގްޒިބިޝަނާއި ފެއާތަކާއި އެކި ކަހަލަ މުބާރާތްތައް މެދުވެރިކޮށް ވެސް މި ޕްރޮގްރާމާ ގުޅޭ އެކި މައުލޫމާތުތައް ދެވިގެންދާނެ ކަމަށް ޝަހީމު ވިދާޅުވި އެވެ. އޭގެ އިތުރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މަޢުލޫމާތުތައް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މިއީ ފަސް އަހަރު ދުވަހުގެ ޕްލޭނެއްގެ ފުރަތަމަ ބައި ކަމަށާއި މި ޕްރޮގްރާމްގެ ފުރަތަމަ ޕްލޭންގައި އިސްލާމްދީނުގެ ރުކުންތަކާއި، އުންމަތައް ބޭނުންވާ މުހިންމު ފިލާވަޅުތަކެއް ގެނެސްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ޓީޗަރުންނާއި ދަރިވަރުންނާއި މުޖުތައުގެ އެންމެހައި ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.