Last Updated: October 8, 10:53
Tuesday, October 8, 2024
ޚަބަރު

ރާއްޖެއާ ދެކޮޅު ކެމްޕޭނުގައި ސަރުކާރުގެ އޮފިޝަލުންގެ ޕޯސްޓުތައް

ސޯޝަލް މީޑިއާގައި ހާއްސަކޮށް އެކްސްގައި ދެކެވޭ އެއް ވާހަކަ އަކީ އިންޑިއާ މީހުން ފަށާފައިވާ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެވެ. މިއީ ލަކްޝަދީޕް ރަށްތަކަށް ޕްރޮމޯޓްކޮށް އެ ޤައުމުގެ ބޮޑުވަޒީރު ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯ ތަކާއި އެކު ފެށިގެން ދިޔަ ކެމްޕެއިނެކެވެ.

އިންޑިއާގެ ބައެއް މީހުން ކެމްޕެއިން ނެގީ، ރާއްޖެއަށް އިންޑިއާ ފަތުރުވެރިން އައުމުގެ ބަދަލުގައި އެ ތަނަށް ދިއުމަށް އިންޑީއާއިން ގޮވާލި ގޮވާލުމެއްގެ ގޮތުގައެވެ. އަދި މިއީ ރާއްޖެގެ ފަތުރުވެރިކަމާއި ދެކޮޅަށް އެ ޤައުމުން އެޅި ފިޔަވަޅެއްގެ ގޮތުގައިވެސް ބައެއް މީހުން ސިފަކުރެއެވެ. އެފަދަ ބައެއް މީހުން ސޯޝަލް މީޑިއާގައި ހަމަލާތައް ދޭން "ވަޒަން" ގޮތުގައި ބޭނުން ކުރަން ފެށީ ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ބޭލުމަށް މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން އޭރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނެވެ.

އެ ޤައުމުގެ މީހުން އަމިއްލަ ޤައުމު ޕްރޮމޯޓް ކުރުމަށް ކޮންމެ ވާހަކައެއް ވެސް ދައްކާނެއެވެ. ރާއްޖެއަށް އިންޑިއާއިން ފަތުރުވެރިން ނުދިއުމަށް އެ ފަރާތްތަކުން ފެށި ކެމްޕެއިންތެރެއަށް މިއަދު އިތުރުވި ބޮޅަކީ އެ މީހުން ސަރުކާރުގެ ވަޒީރު ފެންވަރުގެ މަޤާމުގައި ތިބި ބައެއް ފަރާތްތަކުން ކުރި ޓްވީޓުތައް އެއީ ސަރުކާރުގެ ވިސްނުން ކަމުގައި ދައްކައި ކެމްޕެއިން ތެރޭގައި ބޭނުން ކުރަން ފެށުމެވެ.


މިފަދަ ބައެއް ޕޯސްޓުތަކާއި އަދި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އިންޑިއާ މީހުންނަށް ނިސްބަތްވާ ގޮތަށް ކޮށްފައިވާ ޕޯސްޓުތައް ސޯޝަލް މީޑިއާގައި އެމީހުން ދަނީ އެކި ގޮތްގޮތަށް ދައުރު ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެހެން ބަޔަކަށް ޖަވާބު ދޭކަށް ނުޖެހެއެވެ. ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު ރާއްޖެއިން ވިދިވިދިގެން 4 ފަހަރު ހޯދާފައިވަނީ ހަމައެކަނި ޤުދުރަތީ ގޮތުން ރީތިވީމައެއް ނޫނެނެވެ. ދިވެހިން މެހެމާންދާރީއާއި ދިވެހިންގެ މި ސިނާޢާތަތަށް ދީފައިވާ އިސްކަމެއްގެ ސަބަބުންނެވެ.


ސަރުކާރުގެ އިސްވެރިން އެކްޓިވިސްޓުން ގޮތަށް ޖަވާބުދޭން ފެށީމަ ދެން ވެއްޔާ މޮޑޭނީ އަޅުގަނޑުމެން ދިވެހިން ނަމެއް ނޫންތޯއެވެ. މިކަމަށް ސިޔާސީ ވެރިން ވިސްނަން ޖެހެއެވެ. ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން މިކަމަށް ވަނީ ފާޑު ކިޔާފައެވެ. އެގޮތުން އިނަ މޯލްޑިވްސް ވެރިޔާ މުހައްމަދު ފިރާޤް ވިދާޅީ އެހެން ބައެއްގެ ވާހަކަ ދެއްކުމަށްވުރެ އަހަރުމެންގެ ޓުއަރިޒަމްގެ ވާހަކަ ދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ.


އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް އެ ޤައުމާއެކު މަތީ ފަންތީގެ މަޝްވަރާތައް ފެށިފައިވާ ކަމަށް ސަރުކާރުން ވަނީ ހަމަކޮށްފައެވެ. އަދި އެކަން ކުރާނީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިގޮތަށް ކުރެވޭ ކެމްޕެއިންތަކަށް ޖަވާބުދިނުމަށް ވުރެ އަޅުގަނޑުމެން ރާއްޖެ ޕްރޮމޯޓް ކުރަން މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.