Last Updated: May 2, 20:59
Thursday, May 2, 2024
ރިޕޯޓް

50 އަހަރުގެ ރީތި ނަން ހަޑިކޮށްލަން ހިނދުކޮޅެއް!

ދިވެހި ފަތުރުވެރިކަމުގެ ބްރޭންޑަށް 50 އަހަރު ފުރި މިއަދު އެއީ ޤައުމަށް ވަންނަ އަމްދަނީ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ ސިނާޢަތެވެ. ފަތުރުވެރިކަން ތަރައްޤީ ކުރަން މަސައްކަތް ނުކުރާ ސަރުކާރެއް ނާދެއެވެ. ދައިރާގެ ޕައިނިއަރުން ފެށި މަސައްކަތް މިހާ ހިސާބަށް އައީ ވަރަށް ގިނަ ބައެއްގެ ދަލާއި ލެއާއި ބުރަ މަސައްކަތުންނެވެ. މިއީ ދެބަސްވެވެން ނެތް ހަޤީޤަތެވެ.

މިވާހަކަ މިހެން ފަށަން ޖެހޭ ސަބަބެއް އެބައޮތެވެ. އީއްޔެ ފެނިގެން ދިޔައީ ސަރުކާރުގެ 3 ނައިބު ވަޒީރެއް ސަސްޕެންޑް ކުރިތަނެވެ. އެ ބޭފުޅުން ވަކިކުރަން ގޮވާލާ އަޑުވެސް މަޑެއް ނޫނެވެ. ސަސްޕެންޑް ކޮށްފައިވަނީ ކިހާ މުއްދަތަކަށްތޯ މުސާރަ ހިނގާ ގޮތަށްތޯ އަދި ވަކިކުރަން ގަސްތުކުރޭތޯ މިއީ ހުސް ސުވާލުތަކެކެވެ. ސީދާ ސަރުކާރުންވެސް ޖަވާބެއް ދޭން ބޭނުން ނުވެއެވެ.

މިތިން ބޭފުޅުން ސަސްޕެންޑް ކުރީ އިންޑިއާ ބޮޑުވަޒީރާއި، އެ ޤައުމުގެ ރައްޔިތުންނަށް ދިމާލާތް މަލާމާތް ރައްދުވާގޮތަށް ސޯޝަލް މިޑިއާގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އެންމެ ގާތް އަވަށްޓެރިއާއި މައްސަލަ ޖެހި މުޅި ޤައުމުގެ ބޮއިކޮޓް ކުރަން އެތައް މިލިއަން ބަޔަކު ހިފައިފިއެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އެކަމުގެ ތެރެއަށް ދުނިޔޭގެ އެތަށް ޤައުމެއްގެ މަޤުބޫލުކަން ހޯދާފައިވާ ބޮލީވުޑް ތަރިންނާއި ކްރިކެޓް ކުޅުންތެރިން ވަދެފިއެވެ. ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް ޤައުމުގެ ނަން އެރީ މޯދީ އަށް މަލާމާތް ކޮށްގެން ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކުރި ވާހަކައެވެ.

ސަރުކާރުން ސަސްޕެންޑް ކުރި ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން —

މައްސަލައިގެ ފެށުމަށް ކުޑަކޮށް ނަޒަރު ހިންގާލާން ހިނގާށެވެ. އިންޑިއާ ބޮޑުވަޒީރު ލަކްޝަދީޕް ރައްތަކަށް ކުރި ޒިޔާރަތަކީ ކުއްލި ޒިޔާރަތެއް ނޫނެވެ. އަދި އެތަނުގައި ޓުއަރިޒަމް ފުޅާ ކުރުމަށް ދެއްކި ވާހަކަ އަކީވެސް، ހަމަ ހުރެލާފައި ދެއްކި ވާހަކައެއް ނޫނެވެ. އެއީ އެމީހުންގެ އަމިއްލަ ރައްތަކެވެ. މޯދީގެ އެއްވެސް ފޮޓޯއެއް އަދި ވީޑީއޯގައިވެސް ރާއްޖޭގެ ވާހަކައެއް ނުދައްކައެވެ. އިންޑިއާ ސަރުކާރަށް ނިސްބަތްވާ މީހަކުވެސް އެކަމަކާއި ރާއްޖެއާއި ނުގުޅުވައެވެ.

މިކަމުގެ ފަސްފަހަތުގައި ހިމެނޭ ބައެއް ކަންކަމަށް ވިސްނަން އެބަޖެހެއެވެ. މިއަހަރަކީ އެޕްރީލް މަހާއި މޭއި ދެމެދު އިންޑިއާ އާންމު އިންތިހާބު ކުރިއަށް އެބައޮތެވެ. އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އޮތީ އިންތިހާބަށް ތައްޔާރުވެފައެވެ. ތާއީދު ހޯދުމަށް އެތަށް ވާހަކަައެއް ދައްކާނެއެވެ. އަދި ޤައުމީއްޔަތުކަން އިންތިހާއަށް ކުރިއަށް ނެރޭ އެ ޕާޓީން އަބަދުވެސް އިންޑިއާ އިސްކުރަން ވާހަކަ ދައްކައެވެ. އެއީ އެމީހުން އަބަދުވެސް ވިއްކާ އެތިއެވެ. އެހެންކަމުން ބޮޑުވަޒީރު މޯދީގެ ޕޯސްޓުތަކަކީ ވަކި މަޤްސަދެއްގައި ބޭރުކޮށްލި ޕޯސްޓުތަކެއްކަން ސާފެވެ.

މިގޮތަށް އޮއްވާ ބީޖޭޕީ އަދި މޯދީއަށް ތާއީދު ކުރާ ފަރާތްތަކުން، އިންޑީއާގައި ރާއްޖެ ފަދަ ރައްތަކެއް އޮތް ކަމަށާއި ރާއްޖެ ދާން ނުޖެހޭ ކަމަށް ބުނެ، ބޮޑު ކެމްޕެއިނެއް ފަށައިގަތެވެ. އެ ކެމްޕެއިނުގެ ތެރެއަށް އިންޑިއާ ސަރުކާރުގެ ބަޔަކު ނުވަދެއެވެ. އަދި އޭރު ބޮލީވުޑްގެ ބަޔަކުވެސް ނުވަދެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ފެށުމުން ދިވެހިންގެ ފަޙުރު ކަމުގައިވާ ދިވެހި ޤައުމުގެ ދިފާއުގައި ދިވެހިން ނިކުތީއެވެ. އެ ޖަޒުބާތުގައި ތެރެއިން ސަރުކާރުގެ އިސް މަޤަމުތަކުގައި ތިބި ޤައުމު ތަމްސީލު ކުރާ ފަރާތްތައް ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތް ރައްދުވާގޮތަށް ޕޯސްޓުތަކެއް ކޮށްފިއެވެ.

މައްސަލަ ބޮޑަށް ގޯސްވީ، ސަރުކާރުގެ އޮފިޝަލުން އޭގެ ތެރެއަށް ވަން ހިސާބުންނެވެ. މިހާރުގެ ސަރުކާރަކީ އިންޑިއާއި ދެކޮޅު އަދި އިންޑިއާގެ އެންމެ ބޮޑު ހަތުރު ޗައިނާއަށް ލެނބިފައިވާ ސަރުކާރެއްކަން ދައްކަން މަސައްކަތް ކުރަން އެމީހުންނަށް ފަސޭހަވީއެވެ. އެމީހުން އިންޑީއާގެ އާންމު ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ވިސްނުމަކީ މިއީކަން ދައްކުވަން ފެށިއެވެ. އެހާ ހިސާބުން ސިޔާސީ ފިކުރެއް ނެތި އިންޑިއާގެ ރައްޔިތުންނަށްވެސް ރާއްޖެ ގޯސްވެއްޖެއެވެ. އެމީހުންގެ ޤައުމީއްޔަތުކަން އެމީހުން ކުރިއަށް ނެރެ، އަހަރުގެ ގިނަ ޗުއްޓީތައް ރާއްޖޭގައި ހޭދަ ކުރާ ބޮލީވުޑް ތަރިންނަށް ޕްރެޝަރު ބޮޑު ކުރީއެވެ.

މިކަމަށް އިތުރަށް ބާރު ލިބިގެން ދިޔައީ ބައެއް ދިވެހިން އެމީހުންނާއި "ޖައްސާލީމަ" އެވެ. ރުޅިގަނޑުގައި ތިބި އިންޑިއާ މީހުން އެހުރިހާ އެއްޗެއް ބޭނުން ކުރީ މޯދީ ޕާޓީއާއި އޭނާ ޕްރޮމޯޓް ކުރި ލަކްޝަދީޕްގެ ފަތުރުވެރިކަމުގެ ސިޔާސަތު ޕްރޮމޯޓްކޮށް ރާއްޖެ ބޮއިކޮޓް ކުރުމަށެވެ. ހަޤީޤަތަކީ ސަރުކާރުގެ އޮފިޝަލުން ވަންނަން ނުޖެހޭ ދޭތެރެއަކަށް އޮފިޝަލުން ވަދެ، 1.5 ބިލިއަން މީހުންގެ އާބާދީއެއްގެ ކުރިމަތީ 50 އަހަރުގެ މަސައްކަތުން ހޯދާފައި އޮތް ރީތި ނަން ވެއްޔާއި މޮޑެލީއެވެ.


ބައެއް މީހުން ސޯޝަލްމީޑިއާގައި ދައްކާ ވާހަކަތަކަށް ބަލާއިރު، އަސްލު ވީ ގޮތް އޮޅޭގޮތަށް މިކަން ސިފަ ކުރެއެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދެކެނީ މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ދިވެހިން ތާއީދު ކުރާތީ އިންޑިއާ މީހުން "ޖައްސާލައިގަތީ" ކަމަށެވެ. އަދި ދިވެހިން އެމީހުންގެ ކޮންޓްރޯލުގައި ބޭތިއްބުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ. ނަމަވެސް ހަޤީޤަތަކީ ދިވެހި ސަރުކާރުގެ އޮފިޝަލުން އެ 'ދުލުގައި' ހިފެހެއްޓި ނަމަ، މިއަދު ސަރުކާރަށް މިކަމުގެ ޕްރެޝަރެއް ނާންނާނެ ކަމެވެ. އާންމު ރައްޔިތުން ކިޔާ އެއްޗަކަށް ސަރުކާރުން ޖަވާބުދޭކަން ނުޖެހެއެވެ. ނަމަވެސް ސަރުކާރުގެ މަޤާމުތަކުގައި ތިބެ ދައްކާ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހެއެވެ. މިއީ އޭގެ މިސާލެކެވެ.

ލަކްޝަދީޕް އަކީ 12 އަތޮޅުގެ މައްޗަށް ހެދިފައި އޮތް 36 ރަށެވެ. ކަމުގެ ހަޤީޤަތަށް ވިސްނާއިރު އެމީހުންނަށް ރާއްޖެއަށް ކޮމްޕީޓް ކުރެވޭނެ ގޮތެއް އަދި ނެތެވެ. އެމީހުންގެ އަތުގައި ތިބި ރައްތަކަށް ވުރެ ދިވެހިންގެ ރިސޯޓުތައްވެސް ގިނައެވެ. ދޭ ޚިދުމަތްވެސް ތަފާތެވެ. އަޅުގަނޑުމެން ޖަޒުބާތުގައި ޖެހެން ނުޖެހޭ ކަމެއްގައި ޖަޒުބާތުގައި ޖެހިގެން ޤައުމު ދުނިޔޭގެ ކުރިމަތީ ގަންނަވާލީ ލަދެވެ.

ކޯވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ހިފަހައްޓާލީ އިންޑިއާއިން އައި ފަތުރުވެރިންނާއެކު އެވެ. މިދިޔަ 3 އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި މާކޭޓަކީ އެއީއެވެ. މިވީހާ ދުވަހު އެންމެ ގިނަ މީހުން ގެނައި ޗައިނާ އޮތީ މިދިޔަ އަހަރުގެ ކުރީކޮޅާ ހަމައަށް ބަންދުވެފައެވެ. މިފަދަ ބޮއިކޮޓެއްގެ ސަބަބުން ގެއްލުން ނުވާނެ ކަމަށް ކިތަންމެ ވަރަކަށް ބަޔަކު ކިޔައިދޭން އުޅުނަސް އެއީ ދިވެހި ފަތުރުވެރިކަމުގެ ބްރޭންޑަށް 50 އަހަރު ތެރޭގައި ލިބުނު ބޮޑު ގެއްލުމެކެވެ.

ޤައުމު ދެކެ ފަޙުރުވެރިވުމަކީ މައްސަލައެއް ނޫނެވެ. ބޮއިކޮޓް ކުރާ ބަޔަކާއި ދެކޮޅަށް ވާހަކަވެސް ދެއްކި ދާނެއެވެ. އެކަމަކު ރީތި އާންމު އަޙުލާޤުން ބަޔަކު ބޭރުވީމާ އަޅުގަނޑުމެންގެ ޤައުމު ތަމްސީލު ކުރާ މީހުން އެފާޑަށް އުޅެގެން ކަމަކު ނުދާނެއެވެ.