Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

ކޭލަކުނު އިކޯ-ޓޫރިޒަމަށް ތަރައްގީ ކުރަނީ

ހދ. ކޭލަކުނު އިކޯ-ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ އޮފީހު ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ކޭލަކުނު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"މި ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަށް، މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮއްތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް އޮއްތޯ ބަލައި ދިރާސާކުރަން ވެސް ވިޒިޓާ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާގަ ވަނީ ނިންމާފަ." އޭނަ ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާ ގޮތަށް އެރަށް ތަރައްގީ ކުރެވޭނެ ގޮތެއް ދެނެގަތުމަށްޓަކައި، އެންވަރަމެންޓް މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ތަފުސީލީ ދިރާސާއެއް ވެސް ހަދާނެ ކަމަށެވެ.

ކޭލަނުނު ތަރައްގީކުރާ އިރު އެތަނުގައި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ހަދައި ރަށުގެ ތާރީހާއި ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމަ އަށް ފޯރުކޮށް ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ އެވެ.