Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

ކޭލަކުނު ހިމާޔަތް ކުރަން ގޮވާލައިފި

ހދ. ކޭލަކުނު އިކޯ-ޓޫރިޒަމަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން އެ ރަށް ހިމާޔަތްކުރަން ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ތިމާވެށީގެ ހިމާޔަތަށް ވަކާލާތުކުރާ، އިކޯ ކެއާ އިން ބުނީ ކޭލަކުނަކީ ގައުމީ ތަރިކައެއް ގޮތުގައި ހިމާޔަތްކޮށްފައި އޮންނަން ޖެހޭ ރަށެއް ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ 2017 ގައި ވެސް އޭރުގެ ސަރުކާރުން އެ ރަށުގައި ރިސޯޓް ގާއިމުކުރުމަށް ނިންމުމުން އިކޯކެއާ އިން އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

އަދި އެ ޖަމިއްޔާ އިން އަބަދުވެސް ބޭނުންވާ ވަނީ ކޭލަކުނަކީ މާހައުލީ ނިޒާމުގެ ތަފާތުކަމުގެ ސަބަބުން އެތަނަށް ލޮޅުމެއް ނައިސް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކޮށް އޮންނަ ތަނެއްގެ ގޮތުގައި އޮންނަން ކަމަށެވެ.

ކޭލަކުނު އިކޯ-ޓޫރިޒަމަށް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ އޮފީހު ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ކޭލަކުނު އިކޯ-ޓޫރިޒަމަށް ތަރައްގީ ކުރަން ދިރާސާތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާ ގޮތަށް ތަރައްގީ ކުރެވޭނެ ގޮތްތަކެއް ދެނެގަތުމަށްޓަކައި، އެންވަރަމެންޓް މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ތަފުސީލީ ދިރާސާއެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.