Last Updated: April 26, 20:24
Friday, April 26, 2024
ތާރީޚް

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަ ކުރެވުނީ ސުއްމުއްވުލް އަމީރު މުޙައްމަދު އަމީންގެ އިސްނެންގެވުމާއެކު މީގެ 69 އަހަރު ކުރިން އައި ރަބީޢުލް އައްވަލު މަހެއްގެ ފުރަތަމަ ދުވަހުގައެވެ. ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ ފުރަތަމަ ދުވަހު ދިވެހިރާއްޖޭގެ ފުރަމާނައިގެ ހަޤީޤި ބައްޕަ ކަމުގައިވި ބޮޑުތަކުރުފާނުގެ އުފަންރަށް ކަމުގައިވާ ތިލަދުން މަތީ އުތީމުގައި ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަ ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގައި އެންމެ ކުލަ ގަދަ ކޮށް ފާހަގަ ކުރެވޭ ދުވަހަކީ ފަޚުރުވެރި ޤައުމީ ދުވަހެވެ.

އެހެން ކަމުން މިދުވަސް މިއަދު ވެފައި މިވަނީ މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގައި ފާހަގަ ކުރެވެމުންދާތާ އެންމެ ޒަމާންވީ ދުވަސްކަމުގައެވެ . އެހެންކަމުން ޤައުމީ ދުވަހުގެ މުނާސަބާ ވެފައިވަނީ ދިވެހިންގެ ހިތާއި އަދި ލެޔާ ގުޅިފައިވާ މުނާސަބަތެއް ކަމުގައެވެ.

މީލާދީން ފަނަރަސަތޭކައިގެ އަހަރުތަކުގައި ދުނިޔެ އިސްތިޢުމާރު ކުރަމުން ދިޔަ ފުށެތިކާލުން އިންޑިޔާ ކަނޑުގެ އެތެރެވަރީގެ ޤައުމުތައް އަޅުވެތި ކުރަން ފެށުމާއެކު ދިވެހި ޚާއިނުންތަކެއްގެ މަދަދުވެރިކަމާ އެއްބާރުލުމާ އެކު ދިވެހިރާއްޖެ އަޅުވެތި ކުރުމުގެ މަސައްކަތް ޕޯޗުގީޒުން ފެށިއެވެ. މިމަސައްކަތުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ދިވެހި ބަޠަލުން ތަކެއްގެ ހިތްމަތާ މިންނަތުން ނާކާމިޔާބު ކޮށްލައިފައިވަނިކޮށް ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހު ދިވެހި ރާއްޖޭގެ މިނިވަންކަމަށްޓަކައި އެބަޠަލެއްގެ ހަށިކޮޅާއި ފުރާނަ ޤުރުބާންކުރެއްވި މާތް ޢަލިރަސްގެފާނުގެ ލެއިން ދިވެހި ކަނޑުތައް ރަތް ކުރުމަށްފަހު ދިވެހިރާއްޖޭގެ ފުރަމާނަ ފުށެތިކަލުންގެ ގޮށްމުށުގެ ތެރެއަށް ގެންދިޔައެވެ .

އެހާ ހިސާބުން ދިވެހިން ތަޙައްމަލު ކުރަމުންދިޔައީ މިހާތަނަށް ދިވެހިން ތަޙައްމަލު ކުރި އެންމެ ހިތި ކެކުޅުންތަކެވެ. އެންމެ ވޭންދެނިވި ދުވަސްތަކެވެ. އެންމެ ބިރުވެރި މަންޒަރުތަކެވެ. އެންމެ ލާއިންސާނީ ޢަމަލުތަކެވެ. އަދި އެންމެ ބޮޑު އަނިޔާވެރިކަމެވެ.

މިއަނިޔާވެރިކަމުގައި ދިވެހީން ބަނދެވިފައިވަނިކޮށް ދިވެހިރާއްޖޭގެ އުތުރު ފަރާތު އުދަރެހުން ދިވެހިންގެ ނަޞީބާ ނަޞްރުގެ ތިންތަރި އެރިއެވެ. ތިލަދުންމަތީ އުތީމު ތިންޒުވާނުން ދިވެހި މިނިވަންކަން އަޅުގަނޑުމެންނާ ހަމައަށް ގެނެސް ދެއްވުމުގެ ޢަޒުމުގައި ދިވެހި މިނިވަން ކަމުގެ އަގުހުރި ޖިހާދު ފެއްޓެވިއެވެ. އެޖިހާދަކީ ދުނިޔޭގެ ޤައުމެއްގައި އެޤައުމުގެ މިނިވަންކަން އަނބުރާ ލިބިގަތުމަށްޓަކައި ކުރެވުނު އެންމެ ކާމިޔާބު އެންމެ ވަރުގަދަ ޖިހާދެވެ. އެންމެ ގެއްލުންކުޑަ ޖިހާދެވެ. އިންސާނީ ޙައްޤުތަކަށް އެންމެ އިސްކަންދެވިގެން ކުރެވުނު އެއް ޖިހާދެވެ.

އުތީމު ތިންބެއިން ދިވެހިޤައުމު ފުށެތިކާލުންގެ އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައި ކުރެއްވި ޖިހާދު ވެފައިވަނީ މިއަދުގެ ދުނިޔެ ސިއްސުވާލާފަދަ ހަގުރާމައަކަށެވެ. ވީޓްނާމްގެހަގުރާމަ ވެރީން، ދުނިޔޭގެ ބޮޑުބާރު އެމެރިކާ ވީޓްނާމުގެ ބިމުގައި އިނދަޖައްސާލި ގެރިއްލާ ހަގުރާމަ އަށްވުރެ ބޮޑުތަކުރުފާނު ކުރެއްވި އެހަގުރާމައިގެ ކާމިޔާބު މާބޮޑެވެ. މަހާތަމާގާނދީ އިންޑިޔާ މިނިވަން ކުރެއްވުމަށް އގިރޭސިންނާ ދެކޮޅަށް އެޅުއްވި ވަރުގަދަ ޙިކުމަތްތެރި ފިޔަވަޅުތަކަށްވުރެ ބޮޑުތަކުރުފާނު އެޅުއްވި ފިޔަވަޅުތައް މާހަރުދަނާއެވެ. ޞަލީބީންގެ އަތްދަށުން ފަލަޞްޠީނު މިނިވަން ކުރެއްވުމަށް ޞަލާޙުއްދީނުލްއައްޔޫބީ ކުރެއްވި ޖިހާދަށްވުރެ ނުރައްކާތެރިކަން ބޮޑު ހަގުރާމަ އަކުން ގެއްލުން ކުޑަގޮތަކަށް ބޮޑުތަކުރުފާނު ސަލާމަތްވެ ވަޑައިގެންފައި ވަނީ މޫތައިގެ ހަގުރާމައިގައި ޚާލިދު ބިންވަލީދު ބޭނުންކުރެއްވި ޙިކުމަތްތެރި އުކުޅުތަކުން ފިލާވަޅު ލިބިގެންކަން ޔަޤީނެވެ. ސުއޭޒްކެނެލް މިނިވަން ކޮށް މިޞްރުގެ ތަނެއްގެ ގޮތުގައި އެތަން ހެއްދެވުމަށް ޖަމާލު ޢަބްދުއްނާޞިރު ކުރެއްވި ތާރީޚީ ހަގުރާމައިން އެޤައުމަށް ލިބުނު ކާމިޔާބަށްވުރެ ބޮޑުތަކުރުފާނުގެ ޖިހާދުން ދިވެހިން ލިބިގަތް އަދި ލިބި ގަންނަމުންދާ ފައިދާ މާބޮޑެވެ.

އުތީމު ހުކުރުމިސްކިތުގައި ތިއްބަވައިގެން ހަގުރާމައިން ކާމިޔާބު ލިބުން އެދި ﷲގެ ހަޟުރަތުން ވާގި އެދި ވަޑައިގެން ކުރެއްވި ދުޢާފުޅާއެކު ފެއްޓެވި ޖިހާދުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިން ބޭފުޅުން ކަމުގައިވާ ޢަލިތަކުރުފާނާއި މުޙައްމަދު ތަކުރުފާނު އަދި ޙަސަންތަކުރުފާނުގެ އިތުރަށް ރ. ދުވާފަރު ދަންޑަހެލެވެ. މިހަތަރު ބޭފުޅުން ކަޅުއޮށްފުންމީ ގައި ފެއްޓެވި ޖިހާދުގައި، ދުވަސްކޮޅެއްގެ ފަހުން ތ. ތިމަރަފުށީ ދެޙާޖީން ކަމުގައިވާ ޢަލީ އާއި ޙަސަން ބައިވެރިވެވަޑައިގަތެވެ. މިހަފަހުލަވާނުން ދިވެހި މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި އުޅަނދު ކަޅުއޮށްފުންމި ބަންނަވާފައިވަނީ ތިލަދުންމަތީގައިހުރި ޕޯޗްގީޒު ކޮމާންޑަރ ވިޔަޒޯރުގެ އެހީތެރިކަމާ މަދަދުވެރި ކަމާއެކުގައި ކަމުން ބޮޑުތަކުރުފާނުގެ ވިސްނުންތެރިކަމާ ހަގުރާމައިގެ ހުނަރުވެރިކަން ރަނަގަޅަށް ވަޒަންކުރެވެއެވެ. ޕޯޗުގީޒުންނާ ހަގުރާމައަށް ތައްޔާރު ކުރެއްވި އުޅަނދު އެމީހުންގެ ފެންވާރާ އެކަށީގެންވާ ގޮތަށް ފަރުމާ ކުރެވިގެންދިޔައެވެ. އެމީހުން ބަލިކުރުމުގެ އެންމެވަރުގަދަ ހަތިޔާރަކަށް ވެގެންދިޔައެވެ. ދުނިޔޭގެ އެދުވަސްވަރުގެ ސުޕަރޕަވަރ ޕޯޗުގީޒުން ބޭނުން ކުރަމުންދިޔައީ އޭރުގެ އެންމެ ޒަމާނީ ހަތިޔާރުކަމުން ބޮޑުތަކުރުފާނު ބޭދާޅީއަށް ވަޑައިގެން ބޭދާޅީ އެދުރުކަލޭގެފާނުގެ އަރިހުން ކަނޑިހެވިކަމާ ބަޑި ހެވިކަން ދަސްކުރެއްވިއެވެ. އަދި ޕޯޗުގީޒުންނާއި މުޤާބަލާ ކުރެވޭފަދަ ޤާބިލް ބަޔަކަށް ކަޅުއޮށްފުންމީގެ ފަހުލަވާނުން ހެއްދެވިއެވެ.

ކަޅުއޮށްފުންމީގެ ފަހުލަވާނުން ބޮޑުތަކުރުފާނުގެ ކޮމާންޑަރ ކަމުގައި ރޭގަނޑު ރަށްރަށަށް އަރުއްވާ ދުޝްމަނުންނާ ހަގުރާމަ ކުރައްވަމުން ، ދުވާލު އިރުއެރުމުގެ ކުރީން ރާއްޖެ ބޭރަށް ނިކުމެ ވަޑައިގަތުމަށް ކަޅުއޮށްފުންމީގައި ކުރެއްވި ދަތުރުތައް ކުރައްވަފައިވަނީ "އެކޮމަންޑޫ ދެކޮމަންޑޫއަށް ހައްދަވަމުން" އަވަސް ދަތުރު ތަކެއްގެ ގޮތުގައެވެ. ހަމައެހެންމެ މަރޮށީ ރައިވެރިބެގެ އެހީ އާއިއެކު ކަޅުއޮށްފުންމީގެ ރިޔާ ބަދަލު ކުރައްވަމުން ގެންދަވާފައިވަނީ މިޒަމާނުގެ އެންމެ ކުޅަދާނަ ވިސްނުންތެރީން ޙައިރާންވާފަދަ ގޮތަކަށެވެ. މިއަދުވެސް އެރަށުގައި ފެންނަން އެހުރި ކާނި ގަހުގައި ކަޅުއޮށްފުންމީގެ ބާ ރިޔާ ބޭއްވުމަށްފަހު ރައިވެރިބެ ކާނިކަށައިގައި ބާއްވާފައި އޮންނަ އާ ރިޔާ ނަންގަވައިގެން ވަޑައިގަތުމުގައި އެއްވެސް މީހަކަށް އެކަން ނޭގި ކުރެވިފައިވާ މޮޅުގޮތް އެއީމިއަދު އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންޖެހޭކަމެކެވެ. މިވަރުގަދަ ޖިހާދު ފެއްޓެވުމަށްފަހު ހަގުރާމައިގެ ފޯރި އެންމެ ގަދަވެފައިވަނިކޮށް ޢަލިތަކުރުފާނު ތަކަންދޫގައި ޝަހީދުކޮށްލެވުމުން ބޭބޭފުޅުގެ ވަކިވެވަޑައިގަތުމުން ހިތްޕުޅަށް ލިބިވަޑައިގަތް މޮޅިވެރިކަމަށްވުރެ ހަގުރާމައިގެ ޖޯޝު އިތުރުވެގެންދިޔަ ދިޔުމަކީ ބޮޑުތަކުރުފާނުގެ ޢީމާންތެރިކަމާ ކެތްތެރިކަމުގެ ފުރިހަމަ ހެއްކަކަށްފުދެއެވެ.

އުތީމު މުޙައްމަދު ތަކުރުފާނު ނުވަތަ ދިވެހީން ގެ ތެރޭގައި މަޝްހޫރު ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު އެންމެ ގެއްލުންކުޑަގޮތަކަށް ނިމިގެން ދިޔުމުގެ ސިއްރަކީ ދުވަސްކޮޅަށް ފިއްލަވާ ވަޑައިގެން މަލިކުގައި މަޑުކުރެއްވުމެވެ. ޚާލިދު ބުނި ވަލީދުގެ ހަގުރާމައިގެ އުކުޅުތަކުގެ ތެރެއިން އެއް އުކުޅު ބޭނުން ކުރެއްވުމަށްފަހު ބޮޑުތަކުރުފާނު މާލެ އަރާވަޑައިގެން މާލެ ފަތަޙަ ކުރެއްވި ރެއަކީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ ފުރަތަމަ ރެއެވެ. އެރެއަކީ ދިވެހީންނަށް އައި ރަޙުމަތުގެ ރެއެކެވެ. ފަހު ދުވަހު ނަޞާރާ ދީނަށް ނުވަދެ ތިބި ބަޔަކު ޤަތުލު ކުރުމުގެ އިންޒާރާއި އަމުރު ނެރެވިފައިވަނިކޮށް، އެރޭ މާލޭ މެދުޒިޔާރަތް ދޮށުގައި ދިވެހީންގެ ސާޅީހަކަށް މީހުންތިބެ ކުރި ދުޢާ އިޖާބަކުރައްވައި، ބޮޑުތަކުރުފާނަށް އެރޭ މާލެ ފަތަޙަ ވުމުގެ ސަބަބުތައް މިންވަރު ކުރެއްވި ކަމީ ދިވެހިންނަށް ލިބުނު މަތިވެރި އިލާހީ ރަޙުމަތެކެވެ. މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ އެތާރީޚީ ހާދިސާ އަށް 453 އަހަރު ފުރުމުގެ މުނަސަބަތެވެ.

ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ ފުރަތަމަ ރޭ ބޮޑު ތަކުރުފާނު ދިވެހި ޤައުމު ޕޯޗުގީޒުންގެ ކިބައިން މިނިވަން ކުރެއްވުމަށްފަހު އެންމެ މުހިއްމު ކަމެއްކަމުގައި ހެއްދެވީ ވާދޫ ދަންނަ ކަލޭގެފާނު މެދުވެރި ކުރައްވައި ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން އުނގަންނައި ދެއްވުމެވެ. އެހެންކަމުން ބޮޑުތަކުރުފާނު ވެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމް ދީން ފެތުރުއްވެވި ޤާއިދު އަދި ދިވެހި ރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ބާނީ ކަމުގައެވެ. ދިވެހި ދައުލަތުގެ ނަމެއްގެ ގޮތުގައި މިއަދު ވެސް ބޭނުންކުރަމުންދާ "އައްދައުލަތުލް މަޙަލްދީބިއްޔާ" މިނަމަކީ ދިވެހިރާއްޖެ މިނިވަން ކުރެއްވުމަށްފަހު ދިވެހި ދައުލަތުގެ ނަމެއްކަމުގައި ބޮޑުތަކުރުފާނު އިޚުތިޔާރު ކުރެއްވިނަމެވެ. ޒަމާނުއްސުރެ ދިވެހި ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ބޮލީގެ ބަދަލުގައި ލާރި ޖެއްސެވުމަށްފަހު އެލާރި ބޭނުން ކުރައްވަން ފެއްޓެވީ މުޙައްމަދު ތަކުރުފާނެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ މިއަދުވެސް ލިޔެކިޔަން ބޭނުންކުރާ ތާނަ އަކުރަކީ ބޮޑުތަކުރުފާނު ތަޢާރަފް ކޮށްދެއްވި އަކުރެކެވެ. އެހެންކަމުން ދިވެހި ދައުލަތާއި ޒަމާނީ ދިވެހި އިޤްތިޞާދުގެ މޭސްތިރިއަކީ ބޮޑުތަކުރުފާނެވެ.

މިއަދު އަޅުގަނޑުމެން އެބޭފުޅެއްގެ ޒިކުރާ އާކުރަމުންދާ ބޮޑުތަކުރުފާނަކީ އިސްލާމް ދީނާ، ދިވެހި މިނިވަންކަމާއި، ބަހާ، ސަޤާފަތާ، އިޤްތިޞާދާ ތަޢުލީމް ދިވެހި ޤައުމުގައި ޤާއިމު ކޮށް ކުރިއެރުއްވެވި ބަޠަލެވެ. ޝައްކެއްނެތެވެ. ޤައުމީ ދުވަހުގެ ބަޠަލް އުތީމު މުޙައްމަދު ބޮޑު ތަކުރުފާނުގެ ޤައުމީ ޚިދުމަތް ނެތަމަ އަޅުގަނޑުމެންގެ ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި މިއަދު ނޯންނާނެކަން ކަށަވަރެވެ.