Last Updated: April 28, 21:57
Sunday, April 28, 2024
ރިޕޯޓް

ޝާޑު: ހުޅުދޫގެ ތަރައްގީގެ ހަގީގީ ބާނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުޅުދޫ ދާއިރާ ތަމްސީލު ކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ފަހުގެ ތާރީހެއްގައި ހުޅުދޫއަށް އަގު ނުކުރެވޭ ތަރައްޤީ ގެނެސްދެއްވި ހަމައެކަނި މަޖްލިސް މެމްބަރެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ތަމްސީލު ކުރައްވަން ޝާޑު ނިކުންނެވި އިރުވެސް ޝާޑުއަކީ ހުޅުދޫގެ ވަޅުޖެހިފައިވާ އިގްތިސާދު ނަގައިކޮޅަށް ޖެހުމުގައި ހުންނެވި ފަހުލަވާނެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެެއްވުމަށްފަހު ހުޅުދޫއަށް ބަދަލުވެ ހުޅުދޫގައި މަސްދޯންޏެއް ބަދެ މަސްވެރިކަމުގެ ވިޔަފާރިއަށް ވެންނެވިއެވެ. ރަށުގައި ހުންނަވައި ރަށުގެ ކަންކަމުގައި އަބަދުވެސް ބައިވެރިވެ ހިދްމަތް ކުރެއްވިއެވެ.

ރާއްޖޭގެ ނިސްބަތުން ހުޅުދޫގެ އާބާދީ ބޮޑެވެ. ނަމަވެސް ރަށުގައި ދިރިއުޅެމުން ދިޔައީ ނިސްބަތުން މަދުބައެކެވެ. ހުޅުދޫ އަކީ ރާއްޖޭގެ އެންމެ މުއްސަދި ވިޔަފާރިވެރިން ތިބި ރަށެވެ. ނަމަވެސް ރަށުގެ ގިނަ ބަޔަކު ރަށްދޫކޮށް މާލެ ހިޖްރަ ކުރުމާއި ގުޅިގެން ރަށް ވަނީ ފަޅުވެފައެވެ. ރަށުގެ ގިނަ ގެތައް ވަނީ ވީރާނާވެފައެވެ. ރަށުގެ މާބޮޑު ދިރުމެއް ނެތެވެ. މިފަދަ ހާލެއްގައި ރަށުގެ ހާލަތު އޮތްވާ 2014 ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިހާބު ޝާޑު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ބޮޑު އިތުބާރަކާއި ޔަގީންކަމާއި އެކު ދިން ފުރުސަތުންނެވެ.

ޝާޑުގެ މަޖްލިސް ދައުރަކީ މުޅި ހުޅުދޫ ބަދަލުކޮށްފި 5 އަހަރެވެ. ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ބަދަލުކޮށްލި 5 އަހަރެވެ. ރަށުގެ މަލަމަތި ބަދަލުކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން 5 އަހަރެވެ. މުޅި ހުޅުދޫ ހެއްވާލި 5 އަހަރެވެ.

ޝާޑުގެ މަޖްލިސް މެމްބަރުކަމުގެ 5 އަހަރުގައި ހުޅުދޫ އަދި އަވައްޓެރި މީދޫއަށް ވެސް ހީނުކުރާ ބިޔަ ބޮޑެތި މަޝްރޫއުތައް ގެނެސްދެއްވިއެވެ. ރަށުގައި ވަޒީފާގެ ފުރުސަތު ހުޅުވައި އާއްމު އެތައް ބަޔަކަށް ރަށުގައި ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

މިފްކޯ މަސް ފެކްޓަރީ އާއި ސަދަން ޓްރާންސްޕޯޓު ލިންކުގެ އިތުރުން ވެމްކޯގެ އޮފީސްތައް ގާއިމްކޮށް މިތަންތަނުން ރަށުގެ ގިނަ ބަޔަކަށް ވަޒީފާ ލިބިގެންދިޔައެވެ. ހުޅުދޫ ޒުވާނުންގެ މަރުކަޒާއި ޒުވާނުން އެންމެ ބޭނުންވި ފުޓްސަލް ދަނޑު އެޅިގެން ދިޔައީ ޝާޑުގެ މޭސްތިރިކަމުގައެވެ.

ޓޫރިޒަމް އައްޑޫގައި ތައާރަފްކުރުމަށް ކުރަމުންދިޔަ މަަސައްކަތުގެ ތެރެއިން މިއަދު އައްޑޫން ފެންނަ އިސްމެހެލާ ހެރަ ވުޖޫދު ކުރުމުގައިވެސް ޝާޑުގެ ދައުރު ބޮޑެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ޝާޑު ކެމްޕެއިން ކުރައްވާ އިރު ޝާޑު އާއި ކައިރިކޮށްލެވޭ ވަރަށްވެސް ހުޅުދޫގެ ތަރައްޤީއަށް މަސައްކަތް ކުރި އިތުރު ސިޔާސީ މީހަކު ނެތެވެ.

ޝާޑު އަކީ އަމިއްލަ މަސްލަހަތަށްވުރެ އަބަދުވެސް ހުޅުދޫ އިސްކުރި މީހެކެވެ. އަމިއްލަ ހައިސިއްޔަތުން އަބަދުވެސް ހުޅުދޫއަށް އެހީތެރިވި މީހެކެވެ. ފާއިތުވި 5 އަހަރުވެސް ޝާޑު އަކީ ހުޅުދޫގެ ތަރައްޤީގެ ކަންކަމުގައި އެހީތެރިވި މީހެކެވެ. ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ހުޅުދޫ އިސްކުރި މީހެކެވެ. މިއަދުވެސް ހުޅުދޫގެ ކޮންމެ މީހަކުވެސް ޝާޑު އާއި ބައްދަލުކޮށް ވާހަކަ ދައްކާނީ ހިތްޖެހުމާއި އެކުވެރިކަމާއި އެކުއެވެ. ޝާޑުއަކީ ހުޅުދޫގެ އެންމެންގެ އެކުވެރި ޝާޑުއެވެ.