Last Updated: April 30, 12:06
Tuesday, April 30, 2024
ޚަބަރު

ހައްޖުވެރިން އުފުލަން އުދުހޭ ޓެކްސީ

ހައްޖުވެރިން އުފުލަން ސައުދީ އަރަބިއްޔާ އިން އުދުހޭ ޓެކްސީ ބޭނުން ކުރަން ނިންމައިފި އެވެ،

ސަރުކާރުން މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސައުދީގެ ގައުމީ އެއާލައިން އޮޕަރޭޓްކުރާ ސައުދިއާ ގްރޫޕާ ގުޅިގެންނެވެ. އެގޮތުން 100 އެއްހާ އިލެކްޓްރިކް އުދުހޭ ޓެކްސީ ގަންނަން ވަނީ ނިންމައިފަ އެވެ. އެއިން ކޮންމެ އެއްޗެއްގައި 4-6 މީހުންގެ ޖާގަ އެކުލެވޭނެ އެވެ.

އުދުހޭ ޓެކްސީ ބޭނުން ކުރަނީ ހައްޖު ދުވަސްވަރު ޖިއްދާގެ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓާއި މައްކާގެ ހޮޓާތަކަށް ހައްޖުވެރިން އުފުލުން ފަދަ ކަންކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސައުދީގެ ސައުދިއާ ގްރޫޕްގެ ތަރުޖަމާނު އަބްދުﷲ އަލް-ޝަހްރާނީ ވިދާޅުވީ 100 އުދުހޭ ޓެކްސީ ގަންނަން މިހާރު ޖަރުމަންގެ ކުންފުންޏަކާ އެކީ ކޮންޓްރެކްޓް ވެސް ހަދާފައިވާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ހައްޖު މޫސުމުގައި ދަތުރުފަތުރަށް މުޅިން އަލަށް އުދުހޭ ޓެކްސީ ބޭނުން ކުރަން ފެށުމަކީ ސައުދީގެ އެތެރޭގެ ދަތުރުފަތުރުތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. ހާއްސަކޮށް ޓްރެފިކް ތޮއްޖެހުން ފަދަ މައްސަލަތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ މި އުދުހޭ ޓެކްސީތަކުން ހައްޖުވެރިން މަސްޖިދު ނަބަވީ އާއި ހައްޖުގެ ތެރޭގައި ކުރަން ޖެހޭ އެކިއެކި ދަތުރުތަކަށް ބޭނުން ކުރާނެ ކަމަށެވެ.

"މިއީ ސައުދީގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް އިންގިލާބީ ބަދަލެއް ގެނުވައި ދޭނެ ކަމެއް." އޭނަ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ހައްޖު މޫސުމާ އެކީ ސައުދީ އަށް އެވްރެޖްކޮށް، ދެ މިލިއަނެއްހާ މީހުން ޒިޔާރަތްކުރެ އެވެ.