Last Updated: April 30, 16:56
Tuesday, April 30, 2024
ދުނިޔެ

ސެމްސަންގް އާ ފޯނުގައި އޭއައިގެ ގިނަ ފީޗާތަކެއް

ދެކުނު ކޮރެއާގެ ސެމްސަންގުން އާ ފޯނުތަކެއް ދައްކާލައިފި އެވެ.

ރޭ ބޭއްވި "ގެލެކްސީ އަންޕެކްޑް" ގައި ވަނީ ގެލެކްސީ އެސް24 ސީރީޒްގެ ތިމް މޮޑެލްއެއް ދައްކާލައިފި އެވެ. އެއީ އަގު 799 ޑޮލަރުން ފެށޭ ގެލެކްސީ އެސް24 އާއި އަގު 999 ޑޮލަރުން ފެށޭ އެސް24 ޕްލަސްގެ އިތުރުން އަގު 1،299 ޑޮލަރުން ފެށޭ އެސް24 އަލްޓްރާ އެވެ.

މި މޮޑެލްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވެސް ބޭނުންކޮށްފަައިވާ އެސް24 އަލްޓްރާ އަކީ އެއަށް އަންނަ ކޯލްތަކާއި މެސެޖްތައް އެ މީހަކު ބޭނުންވާ ބަހަކު ތަރުޖަމާ ވެސް ކޮށްދޭނެ އެއްޗެކެވެ. އެގޮތުން 13 ބަހަކުން ތަރުޖަމާކޮށް ދޭނެ އެވެ.

މީގެ އިތުރުން އޭއައިގެ ގިނަ އެކިއެކި މުހިއްމު ފީޗާތައް އެސް24 ސީރީޒްގެ ފޯނުތަކުގައި އެކުލެވޭނެ ކަމަށް ސެމްސަންގުން ބުންޏެވެ. އޭގެ ތެރޭގައި ނޯޓް އެސިސްޓާއި ޓްރާންސްކްރިޕްޓް އެސިސްޓާއި ޗެޓް އެސިސްޓާއި ފޮޓޯ އެސިސްޓްގެ އިތުރުން ގޫގުލް ސާޗްގައި ވެސް ހާއްސަ ސިފަތަކެއް ހިމެނޭނެ ކަމަށް ސެމްސަންގުން ބުންޏެވެ.

ފޯނުތައް އާންމުކޮށް ވިއްކަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 31 އިން ފެށިގެންނެވެ. އަދި މިހާރު ޕްރީ-އޯޑަރު ކުރެވޭނެ އެވެ.

ސެމްސަންގުން ސްމާޓްފޯނުގެ އާ މޮޑެލްތަކެއް ދައްކާލާފައި ވަނީ މި ވިޔަފާރީގެ މާކެޓްގައި އެ ކުންފުނިން 12 އަހަރު ވަންދެން ދަމަހައްޓަމުން އެއް ވަނަ ބްރޭންޑްގެ މަގާމު ގެއްލިފައި ވަނިކޮށެވެ. މިހާރު ސްމާޓްފޯނުގެ މާކެޓް ރަސްކަން އޮތީ އެޕަލްއަށެވެ.