Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

ވެރިކަން ލިބުމުން ދައުލަތުގެ ޚަރަދަށް ބެލުމެއް ނޯވޭ!

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އެންމެ ބޮޑަށް ދެކެވެނު އެއް ވާހަކަ އަކީ ސަރުކާރުން އޭގެ ކުރީ ސަރުކާރުގެ ޚަރަދުތަކަަށް ބޮޑުވެ، ޒިންމާދާރުކަމެއް ނެތި ކުރަމުންދާ ވާހަކައެވެ. ދައުލަތުގެ ދަރަނި ބޮޑުވެ ދަރަނި އަނބުރާ ނުދެއްކިދާނެ ކަމުގެ ބިރުވެސް އޭރު ބޮޑުވެ އެވާހަކަތައް އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކިއެވެ. އެއީ އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އެއްބައި، ވަކި ޤައުމަކަށް ދައްކަން ޖެހުމެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ނުވަތަ ފުރަތަމަ ރައީސްގް "ހަފްތާ 14" މަގު ޗާޓުގައިވެސް ޚަރަދު ކުޑަ ކުރުމަށް ބައެއް ނިންމުންތައް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކޮވިޑާއި ގުޅުވައި ކުރީ ސަރުކާރުން ދައުލަތުގެ ޚަރަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި އޮތުން ނިންމުމަކަށް ގެނައެވެ. މީގެ އިތުރުން ކުރީ ސަރުކާރުގައި އެންމެ ބޮޑަށް ދަރަނިވެރިވި ފެނަކަ ކުންފުނި ހަމައަކަށް އެޅުމަށް، ކޮންޓްރެކްޓު މުއްދަތު ހަމަވާ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ވަނީ ނިންމާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ޗައިނާއަށް ދައްކަންޖެހޭ ލޯނުގައި ލުއިގޮތްތަކެއް ހޯދުމަށް ޗައިނާގެ ޓީމެއް ރާއްޖެއައިސް އެކަމުގެ މަޝްވަރާ ކުރުމަށް ވަނީ ދާދި ފަހުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ނިންމިފައެވެ. މިކަންކަމުން ދައުލަތުގެ ޚަރަދުތައް ޒިންމާދާރު ކަމާއެކު ބަލަހައްޓަމުންދާ ކަމަށް ބުނެވިދާނެއެވެ. އަދި ބައެއް ސަރުކާރުގެ އެކްޓިވިސްޓުންވެސް އެކަން ފާހަގަ ކުރަނީ އެގޮތަށެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދަރަނީގެ ބައެއް ތަފާސް ހިސާބުތައް:

  • 119 ބިލިއަން ރުފިޔާގެ ދަރަންޏެއް / ޖީޑީޕީ ނިސްބަތުން %111 ގައި
  • 50.9 ބިލިއަން ރުފިޔާ ބޭރު ދަރަނީ
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ވެރިކަމާއި ހަވާލުވުމުގެ ކުރިން އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއްވެސް އައި އެއް ސަބަބަކީ އެއީއެވެ. ހަޤީޤަތުގައި ޖީޑީޕީ އަށް ވުރެ އެތަށް ގުނައަށް ދަރަނި ބޮޑުވީ ކުރީ ސަރުކާރުގެ ވެރިކަމުގެ ކޮވިޑު ތެރޭގައި ޚަރަދުތައް ހަމަޖެއްސުމަށް ނެގި ލޯންތަކުންނެވެ. އަދި އޭރު ސަރުކާރުން ދިޔައީ އެނޫން ގޮތެއް ނެތިގެން ކުރި ކަމެއްގެ ގޮތުގައި އެކަން ފާހަގަ ކުރަމުންނެވެ. އޭރު އެމްޑީޕީން ސަރުކާރާއި ހަވާލުވީވެސް ޗައިނާއިން ބޮޑެތި ލޯނުތައް ނަގައިގެން ދަރަނިވެރިވެފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އާޚިރުގައި އެ ސަރުކާރުން ތަރައްޤީ މަޝްރޫޢުތައް ހިންގީ އިންޑިއާއިން ލޯނުތައް ނަގައިގެންނެވެ.

މިހާ ހިސާބުން ރާއްޖެ މިއޮތީ މި ދެޤައުމު ދެމެދުގައި ލޯނުތަކުގައި ތާށިވެފައެވެ. މި ސަރުކާރު ބޭރުގެ މީޑިއާތަކުގައި ފުރަތަމަ ސިފަ ކުރީ ޗައިނާއަށް ވަފާތެރި ސަރުކާރެއް ގޮތުގައެވެ. މި ސަރުކާރުން ވެރިކަމަށް އައީ ކުރީ ސަރުކާރަކީ އިންޑީއާގެ ފައިބުޑުގައި އޮތް ސަރުކާރެއް ކަމަށް ބުނަމުންނެވެ. އެހެންވުމުން ކޮންމެ ފަސް އަހަރަކުން ވަކި ޤައުމަކަށް ހާއްސަ އަހަމީއްޔަތެއް ދޭ ކަމަށް ޙާރިޖީ ސިޔާސަތު އޮތީ ކަނޑައެޅި ނިިމިފައެވެ. ނަމަވެސް މިކަމާއި މި ސަރުކާރުންވެސް އަދި ކުރީ ސަރުކާރުންވެސް ވަނީ ދެކޮޅު ހަދާފައެވެ.

ސަރުކާރުގެ ބައެއް ނިންމުންތަކާއި މެދު ސުވާލު އުފެދޭ!

ރައީސް ކެމްޕެއިން ދުވަސްވަރު ޖަލްސާއެއްގައި ވިދާޅުވި އެއް ވާހަކައަކީ ދަރަނީގެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭނެ ކަމެވެ. ރައީސްގެ އެވާހަކަތަކަށް ފަހު ޙަރަދު ކުރުމުގައި ދެކޮޅު ޖެހޭ ގޮތަށް މަސައްކަތް ކުރާނެ ކަމަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް އެކަން އެގޮތަށް ކުރަމުންދާ ކަމަށް ބުނެވެން ނެތެވެ. އޭގެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

އޭގޮތުން ސަރުކާރުން މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް ވެފައިވާއިރު، އެއީވެސް ބަޖެޓުގައި ހުރި ތާށި ކަމެއްގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އެކަމުގެ ޒިންމާ މި ސަރުކާރުގެ ބޮލުގެ އެޅުވެން އެއްކޮށް ނެތެވެ. މަހުގެ އަގު ބޮޑުކުރިއިރު، ހަމަ އަގެއް މިފްކޯއަށް ލިބޭނެ ގޮތް ނެތެވެ. އެހެން އެގޮތަށް އޮވެ މިފްކޯ މިނިވަން ކުންފުންޏަކަށް ހަދައިފިއެވެ. މިފްކޯއަށް ހިންގުމަށް ބަދަލުތަކެއް ގެނެސްފިއެވެ.

ރައީސް ޔަމީން ސަރުކާރުގެ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރެއްވިއިރު، އޭރު ކެބިނެޓުން އެނިންމުން ނިންމެވީ ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވެ. އެއީ މިފްކޯ ގެއްލުމުގައި ހިންގަމުންދާތީ އެކަން ފޫބެއްދުމަށެވެ. އޭރުވެސް ގެއްލުމުގައި އޮތަސް އެސްޓީއޯގެ ސަބްސިޑަރީއެ ގޮތަށް ދިޔައީ ހިންގަމުންނެވެ. ދެން ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯއަށް ފައިދާއެއްވާން އޮތީ މަހުގެ އަގު ކުޑަ ކުރެވިގެންނެވެ. އެކަމަށް މިހާރު ސަރުކާރުގައި އިކޮނޮމިކް ކައުންސިލުގައި މަޝްވަރާވެސް މިވަނީ ކޮށްފައެވެ.

މީގެ އެހެން ނިންމުމަކަށް ބަލާއިރު، ދާދި ފަހުން ކެބިނެޓުން ވަނީ އެމްޓީސީސީއަށް ބުރަ ބޮޑުވާތީ ކަމަށް ބުނެ އައު ކުންފުންޏެއް ހަދަން ނިންމާފައެވެ. ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ބަދަލުގައި އައު ކުންފުންޏެއް ހަދައިގެން އެކުންފުނިންވެސް ކުރަން އުޅެނީ އެމްޓީސީސީން ކުރަމުންދިޔަ ކޮންޓްރެކްޓިން މަސައްކަތެވެ. އެކުންފުނީގެ ބޯޑެއް އެކުލަވާލައި، ކުންފުނީގެ މުދާ އެއްކޮށް މުޅި ކުންފުންޏެއް އެކުލަވާ ނިމޭއިރު ބޮޑު ޚަރަދެއް ނުދާނެ ގޮތެއް ނެތެވެ. އެހެން ނަމަވެސް ސަރުކާރުން ޚިޔާރު ކުރީ އެގޮތް ކުރިއަށް ނެރޭށެވެ. އޭގެ ޖަވާބަކަށްވީ އެމްޓީސީސީއަށް "ނުތަކާ" ވަރަށް މަސައްކަތް ހަވާލުވެ މަސައްކަތް ކުރިއަށް ނުގެންދެވޭ ވަރު ވުމެވެ.

މިފްކޯ ހުޅުމީދޫ ބަނދަރު މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: އެމްޓީސީސީ

ދާދި ފަހުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އާސަންދަ ޚިދުމަތް ތައިލޭންޑާއި ދުބާއިއަށް ފުޅާ ކުރާ ވާހަކަ ވަނީ ވިދާޅުވެފައެވެ. އެއީ އެކޮމޮޑޭޝަން ވެސް ހިމަނައިގެންނެވެ. ސުވާލަކީ އަވަށްޓެރި އިންޑިއާއިން ނުލިބޭ ޚިދުމަތެއް ހޯދަން ދަނީ ހެއްޔެވެ. ހަޤީޤަތަކީ އާސަންދައަކީ މިހާރުވެސް ބަޖެޓު ކުރެވޭ ވަރަށް ވުރެ އިތުރަށް ކޮންމެ އަހަރަކު ޚަރަދު ކުރާ ނިޒާމަކަށް ވެފައި ވުމެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ އަދިވެސް ނިޒާމު އިސްލާހު ކުރުމަށްވުރެ ނިޒާމަށް ބުރަބޮޑުވާ ގޮތަށް މަސައްކަތް ކުރުމަށެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މިޑީއާގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ޚަރަދެއް ދުބާއީ އަދި ބެންގްކޮކްއަށް ދިއުމަށް ކުރުމަށްވުރެ ދިވެހިންގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރަން ކުރީއްޔާ މާ ރަނގަޅެވެ. އަތޮޅުތަކުގެ ސިއްޚީ ނިޒާމުގެ ފެންވަރަކީ މީހާއަށް ގިނަ ފަހަރު ލިބޭ އަނިޔާގެ ފަރުވާ ހޯދަން މާލެ ދާން ޖެހުމެވެ. ކުރީގެ ސަރުކާރަށް އެކަން ނުވީމަ ރައްޔިތުން ބަދަލަކަށް ވޯޓު ދީފައި ގެނެސް އޮތް ސަރުކާރުން އެކަމަށްވެސް ޒިންމާވާން ޖެހެއެވެ.

ފުށިދިއްގަރު ފަޅުގެ މަސައްކަތަކީ މިފަދަ ވިސްނުމެއްގައި އައި މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ޤަބޫލު ކުރެއެވެ. 99 އަހަރަށް ބޭރު ބަޔަކަށް 70 ހެކްޓަރު ދީގެން އެތަން ހިއްކާއިރު، ޕްލޭނިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލި ލަފާ ކުރާ ގޮތުގައި އެތަން ހިއްކުމަށް 10.7 ބިލިއަން މަދުވެގެން ދާނެއެވެ. އެކަންވެސް ކުރަން ހަވާލުކުރީ ބޭރު ކުންފުންޏަކާއެވެ. އެވެސް ރާއްޖޭގެ ބިމުގެ އަގު އެންމެ ބޮޑު ސަރަހައްދުން ބިން ވިއްކާލާފައެވެ. މަދު ބިން ކޮޅެއްހެން ހީވިއަސް މިއީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހިއްކި ބިމަށް ބަލާއިރު އެ ބިމުގެ ގާތްގަނޑަކަށް 30 އިންސައްތައެވެ.

ފުށިދިއްގަރު ފަޅު ހިއްކާ ސަރަހައްދު ރައީސް ޑރ. މުއިއްޒު ބައްލަވާ ލައްވަނީ —

މީގެ އިތުރުން މި ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ބަލާއިރު މަތި ބާރު ކަމަށް ބުނެވެން ޖާގަ އެބައޮތެވެ. ސިޔާސީ މަޤާމުތައް ކުރީ ސަރުކާރުގެ 5 އަހަރާއި އަޅައި ބަލާއިރު އަދި މަދެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 22 މިނިސްޓްރީއަކަށް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި 130 އަށް ވުރެ ގިނަ މީހުން އައްޔަންކޮށްފައިވެ އެވެ. އޭގެ ތެރެއިން ހަމައެކަނި ހޯމް މިނިސްޓްރީގައި 15 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. މިއީ އެންމެ މިނިސްޓްރީއަކަށް ބޭނުންވާނެ ވަރުތޯ ހަމަ ސުވާލު އުފެދެއެވެ.

މިކަހަލަ ގިނަ ނިންމުންތަކުން ފެންނަން އޮތީ އެއް ހަޤީޤަތެވެ. ސަރުކާރުން ޚަރަދަ ޒިންމާވާން ޖެހޭކަން އެނގެނީ އިދިކޮޅުގައި އޮންނަ އިރު އެކަނި ކަމެވެ. ވަކި ޤައުމަކުން ލޯނު ނަގައި މަސައްކަތް ކުރުންވެސް ގޯސް ވަނީ އިދިކޮޅުގައި އޮންނައިރު އެކަނި ކަމެވެ. ރައްޔިތު މީހާއަށް ދިރިއުޅުމުގެ ޚަރަދުތައް ފުއްދަން އުޅެން ޖެހެނީ މަހު މުސާރަކޮޅަށެވެ.