Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

އާސަންދައިން ބުނަނީ 12 ގަޑިއިރު ތެރޭ ފުރުވާލެވުނު ކަމަށް!

މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އާސަންދަ ކުންފުނީގެ މޭނެޖިންގް ޑިރެކްޓަރ އާމިނަތު ޒީނިޔާ / ފޮޓޯ: މަޖިލިސް

ގއ. ވިލިނގިލި ހޮސްޕިޓަލުން މެޑިކަލް އިވެކުއޭޝަނަށް ރިކުއެސްޓް ކުރިތާ ގާތްގަނޑަކަށް 12:00 ގަޑިއިރު ތެރޭ ފުރުވާލެވުނު ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

ގ.އ ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 13އ. ކުއްޖަކު ހާލުބޮޑުވެ އިމެޖެންސީގައި މާލެ ފޮނުވާލަން ޖެހުނެވެ. ނަމަވެސް އެކުއްޖާ މާލެ ފޮނުވާލަން ފްލައިޓް ހަމަނުޖެހި ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. އެ މައްސަލާގައި ވިލިނގިލި ހޮސްޕިޓަލު ކައިރިއަށް ރައްޔިތުން އެއްވެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ. މިމައްސަލާގައި ކުއްޖާ ފުރުވާލެވުނީ 16 ގަޑިއިރު ފަހުން ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެކުއްޖާ މާލެ ގެެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މިމައްސަލާގައި ކަން ހިންގާފައިވާ ގޮތް ހާމަކޮށްދިނުމަށް އާސަންދަ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ކުއްޖާ ބަލި ހާލާތު ގޯސްވެ އެމެޖެންސީކޮށް މާލެ ފޮނުވަން ރިކުއެސްޓް ލިބުނީ 18 ވީ ބުރާސްފަތި ދުވަހު ފަތިހު 5:03 ގައި ކަމަށެވެ. އަދި އެ ރިކުއެސްޓް އާސަންދަ ޓީމުން ފޮނުވިތާ 12 މިނެޓު ތެރޭ އެޕްރޫވްކޮށް ފްލައިޓު އޮތްތޯ ބެލުމަށް އެދުނު ކަމަށެވެ. އާސަންދަ ކުންފުނިން ހާމަ ކުރި ގޮތުގައި ކޫއްޑޫއަށް އެންމެ އަވަހަށްވެސް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހު ފަތިހު ކަމަށެވެ.

އެހެން ކަމުން މޯލްޑިވިއަން އިން ފްލައިޓެއް ޗާޓަރުކޮށް 14:55 ގައި ކޫއްޑޫއިން ފުރާ ގޮތަށް ގޮތަށް ގަޑި ހެނދުނު 8:57 ވީއިރު އާސަންދައަށް ލިބުނު ކަމަށް އެކުންފުނީގެ ބަޔާނުގައި ބުނިއެވެ. އެކުއްޖާ އެމްއެންޑީއެފް ސީއެމްބިއުލާންސުން 14:45 އަށް ވިލިނގިލިއިން ކުއްޑޫއަށް ގެންދަން ހަމަޖެހުނު ކަމަށް އާސަންދައިން ބުނެއެވެ.

އެހެން ނަމަވެސް 11:40 ވީއިރު ކުއްޑޫ އެއާޕޯޓުން މާލެއިން ކައްދޫއަށް ދާ ފްލައިޓެއް ޑައިވާޓްކޮށްގެން ޖާގަ ލިބޭނެ ކަމަށް އެނގި ކަމަށް އާސަންދައިން ބުނެއެވެ. އެ ފްލައިޓުން ޖާގަ ކަށަވަރު ކުރީ އަވަސް ވެގެން 13:50 ގައި ފުރޭނެ ކަމުގެ ޔަޤީންކަން ލިބުމުން ކަމަށް އާސަންދައިން ބުނެއެވެ. ނަމަވެސް އެ ފްލައިޓު ޑައިވާޓް ނުކުރެވި ޓެކްނިކަލް މައްސަލަ ދިމާވި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއާއެކު އަނެއްކާވެސް އިތުރު ފްލައިޓެއް ޗާޓަރުކޮށް ކުއްޖާ އިމަޖެންސީގައި ފުރުވާލެވުނީ، 16:35 ގައި ކަމަށް އާސަންދައިން ހާމަކުރެއެވެ. އެ ފްލައިޓު މާލެއަށް ޖެއްސީ 17:15 ގައެވެ.

އާސަންދަ ކުންފުނިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ބުރާސްފަތި ދުވަހު ފަތިހު 5:03 ގައި ވިލިނގިލި ހޮސްޕިޓަލުގެ ރިކުއެސްޓް ލިބުމާއި ކުންޖާ ކުއްޑޫއަށް ގެންގޮސް ފުރުވާލުމާއި ދެމެދު ނެގީ 11 ގަޑިއިރާއި 32 މިނެޓެވެ. ނަމަވެސް އެކުއްޖާ ފުރުވާލަން ފްލައިޓު ހަމަ ނުޖެހި 16 ގަޑިއިރު ހޭދަވި ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެކުއްޖާ އައިލާގެ ފަރާތުން ބައްޕަ މީޑިއާތަކަށް އޭރު މައުލޫމާތު ދެމުން ބުނެފައިވަނީ ފުރުވާލަން ހަމަޖެހި މޯލްޑިވިއަންއިން ފޯނަށް ޖަވާބު ނުދީގެން އެތަށް އިރެއް ހޭދަވި ކަމަށެވެ. އެގޮތުން މޯލްޑިވިއަން ޖަވާބެއް ލިބުނީ 8:30 ގައި ކަަމަށް ވެއެވެ.

މިކަން ހިނގާދިޔަގޮތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާފައިވާތީ، މިފަދަ ޙައްސާސް މައްސަލަތަކުގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް އާސަންދައިގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.