Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ސަދަގާތުން އެތެރޭގެ ކަންކަމަށް ވެސް ހަރަދުކުރަން ޖެހޭ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

ޞަދަޤާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޚަރަދުކުރުން މުހިއްމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ޞަދަޤާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށާއި ނަމަވެސް މިކަމުން އިންސާނީ ޚާއްޞަ ޙާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތަށް އިސްތިސްނާވެގެންވާ ކަމަށެވެ.

ރާއްޖޭގެ ޤުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި ކިތަންމެ ހެޔޮކަމަށް ޚަރަދުކުރެވޭނެ ޙާލަތު އެބައޮތް ކަމަށާއި އެތަންތަން ވަނީ ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތަންމެ ޤުރުއާން ކުލާހެއް އެބަހުރި ހުއްޓިފައި. ކިތަންމެ އެދުރުގެއެއް އެބަހުރި ހުއްޓިފައި. ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް އެތަންތަނަށް ބޭނުންވޭ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ޞަދަޤާތުގެ ފައިސާ ބޭރަށް ޚަރަދުކުރާ ކަމަށާއި އެއީ ރަނގަޅު ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ޙާލަތު ވެސް ރިއާޔަތްކުރުން ވަރަށް މުހިއްމު ކަމަށާއި ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ޞަދަޤާތްކުރެވޭނެ ނިޒާމެއް ޤާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޞަދަޤާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޚަރަދުކުރުން މުހިންމު ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތަށް ރާއްޖޭގައި ހުރިއިރު އެތަންތަނަށް ނުހަނު އެހީތެރިކަން ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.