Last Updated: November 9, 10:06
Saturday, November 9, 2024
ޚަބަރު

ދީނަށް ލޯބިކުރާ ޒުވާނުން އެބަ ގިނަވޭ

ރާއްޖޭގައި މި ފަހަކަށް އައިސް އިސްލާމް ދީނަށް ލޯބިކޮށް، ނަމާދުކުރާ ޒުވާނުން ގިނަވަމުން އަންނަ ކަމަށް އަލީ ރަމީޒު ބުނެފި އެވެ.

ދީނީ މައުލޫމާތު ފެތުރުމާއި ރަށްރަށަށް ޒިޔާރަތްކޮށް ދީނީ ގޮތުން ހޭލުންތެރިކަން އުފެއްދުމަށް ވެސް އަމިއްލަ ހައިސިއްޔަތުން މިހާރު ގިނަ މަސައްކަތެއް ކުރަމުން އަންނަ ރަމީޒު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ދީނަށް ލޯބިކުރާ ޒުވާނުން ގިނަވެ، ބަރާބަރަށް ނަމާދުކުރާ ޒުވާނުން ގިނަވަމުން އަންނަކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

"މިއީ ކޮޅު ނެތް ކޮޅަށް އުފާކުރަން ޖެހޭ ކަމެއް،" އޭނަ ބުންޏެވެ. "އެންމެ ފުރަތަމަ ނަމާދު."

ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރަން އިސްލާމިކް މިނިސްޓްރީން ވެސް އަންނަނީ ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައް ރާވަމުންނެވެ. އޭގެ ތެރޭގައި ޒުވާން ހާފިޒުން އުފެއްދުމާއި އިމާމުވެ ހުކުރުކުރަން ޒުވާން ކުދިންނަށް ފުރުސަތުތައް ފަހިކޮށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ހަމަމިއާ އެކީ މިހާރު ރާއްޖޭގެ އެކިއެކި ކައުންސިލްތަކުން އެކި އުމުރުގެ ކުދިންނ ނަމާދަށް އަހުލުވެރި ކުރުވަން ނަމާދު ޕްރޮގްރާމްތައް ހިންގަމުން އަންނަކަން ވެސް ފާހަގަކުރެ އެވެ.