Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

އިސްލާމީ ދާއިރާގެ ވައުދުތަކަށް އެކްޝަން ޕްލޭނެއް

ރައީސް ޑރ. މުހައްމަދުގެ ސަރުކާރުން މި އަހަރަށް އިސްލާމީ ދާއިރާ އަށް ހާއްސަކޮށްގެން ކަނޑައަޅާފައިވާ ކަންކަމަށް އެކްޝަން ޕްލޭނެއް އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް މިނިސްޓްރީން މި އަހަރަށް ކަނޑައެޅި އެކްޝަން ޕްލޭން ތަޞްދީޤު ވެސް ކޮށްފައިވާ ކަމަށެވެ. މި ޕްލޭން ތައްޔާރުކުރުމަށްޓަކައި މި ނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި ސެކްޝަންތަކުގެ ވެރިން ކުރެއްވި މަސައްކަތްތަކަށް މިނިސްޓަރު ނިހާޔަތަށް ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.

"މި ޕްލޭން އަންނަ ހަފްތާގައި ލޯންޗް ކުރެވިގެން ދާނެ. އަދި މިނިސްޓްރީގެ ވެބްސައިޓްގައި ޢާންމުކޮށް ޝާއިޢު ކުރެވޭނެ." ޝަހީމު ވިދާޅުވި އެވެ.

ސަރުކާރުގެ ދީނީ ސިޔާސަތުގެ ތެރޭގައި 1،000 ފަގީރުން ދަޢުލަތުގެ ހަރަދުގައި ހައްޖަށް ގެންދިއުމާއި ޢަރަބި ބަސް އުނގަންނައި ދިނުމާއި، ޒަކާތާއި ވަޤުފުގެ ދާއިރާ ފުޅާކުރުމާއި، ދީނީ ތަޢުލީމުގެ ކޯސްތައް މުޅި ރާއްޖެ އަށް ފުޅާކުރުމާއި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދާއިމީ ސްކޫލެއް ހަދައި ދިނުމާއި، ދީނީ ތަޢުލީމު ދޭ މަރުކަޒުތައް ހެދުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.