Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ފުވައްމުލަކު ކަރަންޓުގެ މައްސަލަ ހައްލުކުރުން ކުރިއަށް

ފުވައްމުލައް ސިޓީ

ފުވައްމުލަކު ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެކަނައިން ބުނެފިއެވެ.

ފުވައްމުލަކުގައި ކަރަންޓް އެންމެ މަތީ ލޯޑްގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ 4850 ކިލޯވޮޓް ނަމަވެސް އެވްރެޖް އެންމެ މަތީ ލޯޑްއަކީ 4050 ކިލޯވޮޓްއެވެ. ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ 7 ޖަނަރޭޓަރު ސެޓްގެ ތެރެއިން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް 11 ޑިސެމްބަރު ގައި މައްސަލަޖެހި ހަވާލުވެ ކަރަންޓް އުފެއްދޭ މިންވަރު ދަށްވެފައިވާ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ފުވައްމުލަކުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ދަށްވެފައިވާތީ ރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓު ކަނޑަންޖެހިފައިވާ ކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނި ޖަނަރޭޓަރު ސެޓް ހަލާކުވީ ވިއްސާރަ ދުވަސްވަރެއްގައިކަމުން ކަރަންޓް ކަނޑަން އޭރު ނުޖެހުނުނަމަވެސް، މޫސުން ރަނގަޅުވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހޭނެ ކަމަށް އޭރު ލަފާކުރެވުމުން އެހެން ރަށެއްގައި ބޭނުން ނުކޮށް އަދި އިންސްޓޯލްނުކޮށް ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލަކަށް ގެންދިއުމަށް ނިންމިކަމަށެވެ. އަދި އެ ޖަނަރޭޓަރ ސެޓް ބަލާ އުޅަނދެއް 2 ޖެނުއަރީގައިވެސް ފޮނުވި ކަމަށާއި ނަމަވެސް އެ ޖަނަރޭޓަރ ސެޓް އެހެން ރަށަކަށް ގެންގޮސްފިނަމަ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެކަމުގެ ޝަކުވާ މެނޭޖްމަންޓަށް ލިބުމުން އެ މަސައްކަތް ހުއްޓާލަންޖެހުނުކަމަށެވެ. އަދި އެމަޖެންސީ ޕްރޮކިއުމަންޓްގެ ދަށުން ޖަނަރޭޓަަރ ސެޓެއް ހޯދުމުގެ މަސައްކަތް ފެށުނު ކަމަށާއި ނަމަވެސް މިވަގުތު ބޭނުންވާ ސައިޒްގެ ޖަނަރޭޓަރ ސެޓެއް ރާއްޖޭގައި ވިއްކަން ނެތުމުން ޖަނަރޭޓަރ ލިބިފައިނުވާކަމަށެވެ.

ފެނަކައިން ބުނެފައިވަނީ ހޫނު ގަދަވެ އަދި ސްކޫލުތައް ހުޅުވުމާ ގުޅިގެން ރަށުގެ ކަރަންޓު ލޯޑް މަތިވެ 11 ޖެނުއަރީން ފެށިގެން ޝެޑިއުލްކޮށް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަންޖެހުނު ކަމަށެވެ.

ފެނަކައިން ބުނެފައިވަނި ފުވައްމުލަކަށް ބޭނުންވާ ޖަނަރޭޓަރ ސެޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެއިތުރުން ބަޔާނުގައި ފެނަކައިން ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޖަނަރޭޓަރ ސެޓުތަކުގެ މެއިންޓެނެންސްއަށް އަހައްމިޔަތުކަމެއް ދީފައިނުވުމުގެ ސަބަބުން ގިނަ ޖަނަރޭޓަރުތައް ހުރީ ހާލަތު ދަށްވެފައި ކަމަށެވެ.