Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އިންޓަ-ސްކޫލް އެތުލެޓިކްސް އަށް އައްޑޫ ތައްޔާރު

އަންނަ މަހު އައްޑޫގައި ބާއްވާ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓްގެ ތައްޔާރީތައް ބާރަށް ކުރިއަށް އެބަދެ އެވެ.

މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11-16 އަށް އައްޑޫ ސްޓޭޑިއަމްގަ އެވެ.

އިންޓަ-ސްކޫލް އެތުލެޓިކް މީޓާ ދިމާކޮށް ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ވެސް ސްޕޯޓް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މުބާރާތް ފެށެންވާ އިރަށް މަރާމާތުތައް ނިންމައިލަން ހަމަޖެހިފައިވެ އެވެ.

އިންޓަ-ސްކޫލް އެތުލެޓިކްސް މީޓަކި އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުރާ މުބާރާތެކެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި 37 ސްކޫލަކުން ވާދަކުރާނެ އެވެ.

މި މުބާރާތާ ގުޅޭ މައުލޫމާތު ހިއްސާކުރަން އައްޑޫ ސިޓީ ކައުންސިލުން މިހާރު ފޭސްބުލް ޕޭޖެއް ވެސް ހާއްސަކޮށްފަ އެވެ. އެ ޕޭޖްގެ ނަމަކީ "އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް-އައްޑޫ 2024" އެވެ.

މީގެ ކުރިން ވެސް އައްޑޫގައި އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ބާއްވާފައިވެ އެވެ.

މިދިޔަ އަހަރު 33 ސްކޫލަކުން ވާދަކުރި މުބާރާތް އޮތީ ފުވައްމުލަކުގަ އެވެ. އެ މުބާރާތުގައި 809 އެތުލީޓުން ވާދަކުރި އެވެ. ޖުމްލަ 108 އިވެންޓެއް އެ މުބާރާތުގައި ކުރިއަށް ގެންދިޔަ އެވެ. އަދި މިދިޔަ އަހަރު އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.