Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ޓޮބްލެރޯންގެ ވަކި ބެޗްތަކެއް ނުވިއްކަން އަންގައިފި

ޓޮބްލެރޯން ޗޮކްލެޓެއްގެ ވަކި ބެޗްތަކެއް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެ އޮތޯރިޓީ މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްވިޒަލޭންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކު ޗޮކްލެޓުގެ، ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ބެޗެއް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރޮޓީސް ނެޓްވޯކް މެދުވެރިކޮށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ޗޮކްލެޓު ޕްލާސްޓިކުން ތަގައްޔަރުވީ ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކުން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. ތަގައްޔަރުވެފައިވާ ޗޮކްލެޓުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުންވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ބުނެފައިވެ އެވެ.

އެމްއެފްޑީއޭ އިން ސަމާލުވާން އެދިފައިވަނީ ޓޮބްލެރޯން މިލްކް އަދި ޓޮޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ނޫގާއަށެވެ.