Last Updated: April 30, 22:02
Tuesday, April 30, 2024
ޚަބަރު

ކަސްޓަމްސްގެ މަސައްކަތަށް އޭއައިގެ އެހީ

ކަސްޓަމްސްގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށައިފި އެވެ.

އެ ހިދުމަތް އިފުތިތާހު ކުރީ ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާޙިމް ޝަރީފް މުޙައްމަދެވެ.

ކަސްޓަމްސްއިން ބުނީ އޭއައި ބޭނުން ކުރާނީ އިމްޕޯޓް/އެކްސްޕޯޓް މުދާ ގިންތި ކުރަން ކަމަށެވެ. އަދި މީގެ ސަބަބުން މުދާ ޑިކްލެއާކުރުމާއި މުދަލުގެ ލިޔެކިއުން ނިންމުމަށް މިހާރު ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ބުންޏެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އޭއައިގެ ޚިދުމަތުގެ އިތުރުން، އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓާ (އޭއީއޯ) ގެ ޚިދުމަތް ވެސް އިފުތިތާހުކޮށްފައިވެ އެވެ. މިއީ ކަސްޓަމްސްތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރާ އިމްޕޯޓް އެކްސްޕޯޓްގައި ގާއިމުވެ އެކަށީގެންވާ މުއްދަތެއް ހޭދަކޮށްފައިވާ، ކަސްޓަމްސްއާއެކު ކުރެވޭ މުއާމަލާތްތަކުގައި ސާފު ރެކޯޑްތަކެއް ދަމަހައްޓާފައިވާ ފަރާތްތަކަށް ޚާއްޞާ ޚިދުމަތެއް ދިނުމުގެ މަގްޞަދުގައި ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއިން ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ގްލޯބަލް ސަޕްލައި ޗެއިނަށް އަންނަ ބަދަލުތަކާ އެއްވަރަށް ކަސްޓަމްސްއިން ވިޔަފާރިއަށް ފަހިކަން ގެނެސްދިނުމަކީ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.