Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ފުވައްމުލަކު ކަރަންޓް މައްސަލަ މަޖިލީހަށް

ފުވައްމުލަކުން ކަރަންޓް ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ އަށް ހުށައަޅައިފި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި އެ މައްސަލާ ގައި ބުނެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ މެެދެއްހާ ހިސާބު ގައި އެ ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދިޔަ އެެއްް ޖެންސެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ތާވަލެއް ހަދައިގެން އެކި ވަގުތުތަކުގައި ކަރަންޓްގެ ހިދުމަތް މެދުކަނޑަމުންދާ ކަމަށެވެ.

ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އެންމެ އަސާސީ ހިދުމަތެއް މެދުކެނޑި މައްސަލައަށް ހައްލު ނުހޯދި އެކަށީގެންނުވާ ދިގު މުއްދަތަކަށް ދިގު ދެމިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުން ތިބީ ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައި ކަމަށް ބުނެފައިވެ އެވެ. އަދި ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޮޅުމަސް ދުވަސް ފާއިތުވެ ގޮސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"ކަރަންޓް ހިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރީން ވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި ބޭނުންނުކުރާ ޖެންސެޓް ހުރެމެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫކު ކުރަން ދައްޗެވެ،" އެ މައްސަލާގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ ތަކުލީފުތަކަށް ހައްލެއް ނުހޯދި ލަސްވަމުންދާ ދިއުމަކީ ފެނަކައިގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ދެކޭތީ އެ މައްސަލަ ބަލައި ދިނުމަށް ވަނީ އެދިފަ އެވެ.