Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

އަނެއްކާ ވެސް ހޯއްގޮވާ ކެއްސުންބަލީގެ އިތުރު ކޭހެއް

ގއ. ވިލިނގިލި

ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ގއ. ވިލިނގިލިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ވިލިނގިލިން މިއަދު އިތުރު ޕަރޓޫސިސް ކޭސްއެއް ފެނިފައިވާ ކަމަށާއި ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ވިލިނގިލިން މިއަހަރުގެ މިހާތަނަށް ފެނުނު މި ބަލީގެ ފަސްވަނަ ކޭސް އެވެ.

ހޯއްގޮވާ ކެއްސުން ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ހޯއްގޮވާ ކެއްސުން ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތުކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާބޮޑު އަލާމާތްތައް ނުފެނިދާނެ އެވެ.

މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތުކުދިންނަށެވެ. އެހެންކަމުން 7 އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން ރޯގާޖެހި ކެއްސައި، ކެއްސުން ދިގުލައިގެން ދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާނަމަ، ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރާ އެހެން ބައްޔެއް ހުރިނަމަ، ނުވަތަ ތުއްތުކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަލަ ލަސްނުކުރައްވާ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް ވަނީ އެދިފަ އެވެ.