Last Updated: May 17, 11:10
Friday, May 17, 2024
ޚަބަރު

ތެލަސީމިއާ އަށް ހޭލުންތެރި ކުރަން ގައުމީ ކެމްޕޭނެއް

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކެމްޕެއިން ލޯންޗްކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުން ކަމަށެވެ، އަދި ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުމަކީ ވެސް މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިޔުމުގެ މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ކުރިއަށް ގެންދާ މި ޤައުމީ ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެ އެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާ، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެ އެވެ.