Last Updated: July 27, 15:08
Saturday, July 27, 2024
ދުނިޔެ

ގޭސް ލޮރީއެއް ގޮވައި ބަޔަކު މަރުވެއްޖެ

ކެންޔާގެ ވެރިރަށް ނައިރޯބީގައި ގޭސް ލޮރީއެއް ގޮވައި ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ރޭ ދަންވަރު 12:00 ޖަހަން އުޅެނިކޮށް ހިނގި ހާދިސާގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާ އިރު، 220 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އެގޮތުން ގޭހުގެ އަސަރުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

ދުއްވާފައި ދަނިކޮށް ގޭސް ލޮރީ ގޮވި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އިމާރާތަކަށް ވެސް އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގެތަކާއި ފިހާރަތައް ހިމެނެ އެވެ. އަދި މަގުމަތީގައި ހުރި ވަރަށް ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ވެސް ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ކެންޔާ ރެޑް ކްރެސެންޓުން ވެސް އަންނަނީ އަލިފާން ނިއްވުމާއި ޒަހަމްވި މީހުންނަށް އެހީވުމުގައި ހަރަކާތްތެރިވަމުންނެވެ.

ހާދިސާއާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު އިސާމް އެމްވުއަރާ ވިދާޅުވީ އަލިފާން އިތުރު ސަރަހައްދުތަކަށް ފެތުމުގެ ބިރެއް މިހާރު ނެތް ކަމަށާއި ހާދިސާ ހިނގިތަން އޮތީ ކަމާބެހޭ އިދާރާތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

މި ހާދިސާ ހިނގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.