Last Updated: July 27, 10:50
Saturday, July 27, 2024
ދުނިޔެ

ނަޖީބުގެ ޖަލު ހުކުމަށް ބޮޑު ލުއެއް ދީފި

ހިޔާނާތުގެ ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ހުކުމަށް ބޮޑު ލުއެއް ދީފި އެވެ.

އޭނަގެ ހުކުމް މިހާރު ވަނީ ހަ އަހަރަށް ކުރުކޮށް ދީފަ އެވެ. މިކަމާ ގުޅޭ ގޮތުން މެލޭޝިއާގެ ފެޑެރަލް ޓެރަރީސް ޕާޑްން ބޯޑުން މިއަދު ބުނީ 12 އަހަރުގެ ޖަލު ހުކުމްގެ ދެބައިކުޅަ އެއްބައި ކުރުކޮށް، ނަޖީބު އަށް އިއްވާފައި އޮތް ޖޫރިމަނާ ވެސް ކުޑަކޮށް ދީފައިވާ ކަމަށެވެ. އެގޮތުން އޭނަގެ ޖޫރިމަނާ 50 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) އަށް ކުޑަކޮށް ދީފައިވެ އެވެ.

ނަމަވެސް ޖޫރިމަނާ ދައްކައި ހަލާސްކުރަން ދިން މުއްދަތު ކަމަށްވާ އޮގަސްޓް 23، 2028 އަށް އަށް ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު ހުކުމަށް އަހަރެއް އިތުރުކުރާނެ ކަމަށް ޕާޑްން ބޯޑުން ބުންޏެވެ.

މަގާމުގެ ނުޒޫފު ބޭނުންކޮށްގެން ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ނަޖީބް ޖަލަށް ލާން ހުކުމްކުރީ ޖުލައި 28، 2020 ގަ އެވެ. އޭރު އެ ހުކުމް އިސްތިއުނާފު ކުރަން ވެސް ހުށަހެޅި އެވެ. އެކަމަކު މެލޭޝިއާގެ އެންމެ މަތީ ކޯޓުން ހުކުމް ދަމަހައްޓާފައިވެ އެވެ.

މިހާރު އުމުރުން 70 އަހަރުގެ ނަޖީބު މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވީ އެޕްރީލް 3، 2009 އިން މެއި 9، 2018 އަށެވެ. އޭނަ އަށް 2018 ގެ އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ އެ ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ގަނެފައިވެ އެވެ.

ނަޖީބްގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ސާބިތުވެފައިވެ އެވެ.

ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރްގެ މައްޗަށް ވެސް ރިޝްވަތަށް އެދުމާއި ރިޝްވަތު ގަބޫލުކުރުމުގެ ތިން ދައުވާ ސާބިތުވާއެއް ސާބިތުވެ ސެޕްޓެމްބަރު 1، 2022 ގައި ހުކުމްކުރި އެވެ. އެ ތިން ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލައި، ލުމަށް 970 މިލިއަން ރިންގިޓުން ޖޫރިމަނާކުރި އެވެ.