Last Updated: July 27, 12:08
Saturday, July 27, 2024
ދުނިޔެ

އިންޑިއާ އަށް 4 ބިލިއަންގެ އަސްކަރީ ސާމާނު

އެމެރިކާ އިން އިިންޑިއާ އަށް ހަތަރު ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަން އެއްބަސްވެއްޖެ އެވެ.

އިންޑިއާ އިން މިދިޔަ މެދުތެރޭގައި ހުށަހެޅި އެ ހުށަހެޅުމާ މެދު ގޮތެއް ނިންމުން މަޑުޖައްސާލާފައި އޮތުމަށް ފަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ރުހުން ދިނުމާ ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ވަނީ އަސްކަރީ ސާމާނު ވިއްކުމުގެ ހުއްދަ ހުއްދަ ދީފަ އެވެ. އެމެރިކާ އިން އިންޑިއާ ގަންނަން ނިންމާފައިވާ ސާމާނުތަކުގެ ތެރޭގައި ހިމެނެނީ އެމްކިއު-9ބީ ސްކައި ގާޑިއަން 31 ޑްރޯނާއި އޭޖީއެމް-114އާރް 170 މިސައިލާއި 310 ލޭޒާ ބޮމާއި ގްލައިޑް ބޮންތަކުގެ އިތުރުން އަސްކަރީ މުއާސަލަތީ އަދި ސަވައިލަންސް އާލާތްތަކެވެ.

މި ތަކެތި އިންޑިއާ ފޯރުކޮށް ދޭނީ އެމެރިކާގެ ޖެނެރަލް އެޓޮމިކްސް އެއޮރޮނޯޓިކަލް ސިސްޓަމްސްއިންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރީ ސާމާނުތަކެއް ގަންނަން އިންޑިއާ އިން ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދީ ލަސްކުރީ، އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ސިކުންގެ ބަޔަކު އިންޑިއާއާ ދެކޮޅަށް "ޚާލިސްތާން" ގެ ނަމުގައި ވަކި ދައުދަލެއް ހަދަން މަސައްކަތްކުރާތީ އެކަން ކުރަން އުޅޭ މީހުންނަށް ހަމަލާތަކެއް ދޭން އިންޑިއާ އިން ރާވަމުންދާ ކަމަށް ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން، އެކަން އިތުރަށް ތަހުގީގު ކުރުމުގެ ގޮތުންނެވެ.

މީޑިއާތަކުން ބުނީ އަސްކަރީ ސާމާނު އިންޑިއާ އަށް ވިއްކަން އެމެރިކާ އިން ނިންމީ އެ ގައުމުގެ ގައުމީ ސަލާމަތާއި އަސްކަރީ ސިޔާސަތުތަކަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަން ކަށަވަރު ކުރުމަށް ފަހު އެވެ.