Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

ފަލަސްތީންގެ ރައްޔިތުންނަށް ނަސްރާއި ކާމިޔާބު ދެއްވުން އެދި ރާއްޖޭގެ މިސްކިތްތަކުގައި ކިޔަމުން އަންނަ ގުނޫތު ނާޒިލާ މިއަދުން ފެށިގެން ކިޔުން ހުއްޓައިލަން އިސްލާލިމް މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ މިއަދުގެ މަގްރިބް ނަމާދުން ފެށިގެން ކަމަށެވެ.

ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ. އެއީ އެ މަހުގެ 7 ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ލާއިންސާނީ ގަތުމުއާންމާ ގުޅިގެންނެވެ. ހުރިހާ ނަމާދުތަކެއްގައި ގުނޫތު ކިޔަން އެންގުމަށް ފަހު، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު މިނިސްޓްރީން ވަނީ ހަމައެކަނި ބާރަށް ކިޔަވާ ނަމާދުތަކުގައި އެކަނި ގުނޫތު ކިޔަން އަންގައިފަ އެވެ.

އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ހުއްޓާލުމެއް ނެތި ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު 27،000 އާ ގާތްކުރެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.