Last Updated: July 27, 09:53
Saturday, July 27, 2024
ދުނިޔެ

ނެމީބިއާގެ ރައީސް އަވަހާރަވެއްޖެ

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި ނެމީބިއާގެ ރައީސް ހާގޭ ގައިންގޯބްގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.

މިކަން އިއުލާންކުރައްވައި އެ ގައުމުގެ ނައިބު ރައީސް ނަންގޯލޯ އެމްބޫމްބާ މިއަދު ވިދާޅުވީ އުމުރުން 82 އަހަރުގައި ރައީސް އަވަހާރަވީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއް ކަމަށެވެ. ހާގޭ އަށް ކެންސަރު ޖެހިފައިވާކަން އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި އޭނަ އަވަހާރަވީ ފަރުވާ އަށް އެމެރިކާ އަށް ވަޑައިގަންނަވަން ވެސް ހަމަޖެހިފައި ވަނިކޮށެވެ.

ކުރިން ނެމީބިއާގެ ނައިބު ރައީސްކަމާއި ބޮޑުވަޒީރުކަމާއި މިނިސްޓަރުކަން ވެސް ކުރެއްވި ހާގޭ އެ ގައުމުގެ ތިން ވަނަ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވީ 2015 ގަ އެވެ.

ތިން ކައިވެންޏެއް ކުރެއްވި ހާގޭގެ ތިން ބޭފުޅުން ތިއްބަވަ އެވެ.

ނެމީބިއާގެ ރައީސް މިއަދި އަވަހާރަވި އިރު، އެ ގައުމުގެ ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު މި އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވެ އެވެ.