Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

17 އިންސައްތަ ދިވެހިން މަރު ވަނީ ކެންސަރުގައި

ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގައި ނެރުނު ރިޕޯޓްގައި އެޗްޕީއޭއިން ބުނެފައިވަނީ، ކެންސަރުބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުންނަ ކަމަށެވެ. މި ބައްޔަކީ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިދާނެ ބައްޔެއް ކަމަށާއި ކެންސަރު ޓިއުމަރުތައް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް އެހެން ހިސާބުތަކަށްވެސް ފޯރާ ފެތުރޭ ކަމަށެވެ.

ކެންސަރުބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބުކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާކަމަށެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ 3 ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮޑް، ޕްރޮސްޓޭޓް ކެންސަރު ހިމަނެއެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 4 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ. 2024 ވަނަ އަހަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުން ހޭލުންތެރިކަން އިތުރުކޮށް މި ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އަދި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާއި މެދު މައުލޫމާތު ފޯރުކޮށް ދިނުމެވެ.