Last Updated: May 17, 06:51
Friday, May 17, 2024
ޚަބަރު

ފެންވަރު ރަނގަޅު ބޭހުގެ ސިޔާސަތު ކަނޑައަޅައިފި

ރާއްޖެ އިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅޫ ބޭހަށް ހެދުމަށް ބޭނުންވާ ސިޔާސަތުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.

އެ ސިޔާސަތުތައް ކަނޑައެޅުއްވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު އެވެ.

އެގޮތުން ބޭހާ ގުޅޭ ގޮތުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް "ބަލްކް ޕްރޮކިއުމަންޓް ނިޒާމު" ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމުމާއި އެ ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނި ކަމަށްވާ އެސްޓީއޯ އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެ އެވެ.

މީގެ އިތުރުންކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެ އެވެ. އަދި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްގީ ކުރުމަށް ވެސް ކެބިނެޓުން ނިންމި އެވެ.