Last Updated: April 27, 17:57
Saturday, April 27, 2024
ރިޕޯޓް

ހީނާގެ ކެންސަރުގެ ތަޖުރިބާއިން ތަންކޮޅެއް

އިއްޔެ އަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. މި ބައްޔަކީ ރާއްޖޭގައި ވެސް މީހުން އެންމެ ގިނައިން މަރުވާ ބައްޔެވެ. ކެންސަރުގެ ޝިކާރައަކަށްވެފައިވާ އެތައް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ. އަދި މި ބަލިން އަރައިގަތް އެތައް ބަޔަކު ވެސް އެބަތިއްވެ އެވެ.

އެންސްޕާގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ހީނާ ވަލީދަކި އޭގެ ތެރެއިން އެކެކެވެ. އިއްޔެ ފާހަގަކުރި ކެންސަރު ބަލީގެ ދުވަހާ ގުޅުވައި އޭނަ ވަނީ އަމިއްލަ ތަޖުރިބާގެ މުހިއްމު ވާހަކަތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް ބަޔަކާ ހިއްސާކުރައްވައިފަ އެެވެ.

ހީނާ ވިދާޅުވި ގޮތުގައިި ކެންސަރު ބަލީގެ ދުވަސް ފާހަގަކުރި އޭނަގެ އިހުސާސްތައް ވަރަށް ވަރަށް ތަފާތެވެ. އަދި އެ ވާހަކަ އޭނަ ކުރުކޮށް ހިއްސާކޮށް ދެއްވި އެވެ. ހީނާ ވިދާޅުވި ގޮތުގައި މި ތަޖުރިބާ ހިއްސާކުރެއްވުމުގެ ކެންސަރުބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް ހިތްވަރު ދިނުމެވެ.

ދެން ހީނާގެ މި ވާހަކަ ކިޔައިލަމާ ހިނގާށެވެ.

އަޅުގަނޑަށް ކެންސަރު ޖެހުނުކަން އެނގުނީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް މަސް ކުރިންނެވެ. އެކަން އެނގުނު ވަގުތު އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެ ގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ މާޔޫސްވި އެވެ. ނަމަވެސް ހެއްދެވި ފަރާތަށް ހުރިހާކަމެއް ވަކީލުކޮށް ފަރުވާއަށް އަވަސްވެގަތީ އެވެ. އޭރު މިކަމަކީ ކިހާ ވަރެއްގެ ވޭންހުރި ކަމެއްކަން އަޅުގަނޑަށް ކުޑަކޮށްވެސް ނޭނ ގެއެވެ .

ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ އަޅުގަނޑުގެ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހެދިބޮޑުވަމުން ދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތައް އަ އެވެ. މުޅި ހަށިގަނޑު އެއްކޮށް ދުޅަވެ ކާއެއްޗެހީގެ ރަހަ ބަދަލުވެ, ނުކެވި، ބޮލުގެ އިސްތަށިތައް ވެސް އިސާހިތަކު ހިނގައްޖެ އެވެ.

މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި އެހާމެ ރިއްސަ އެވެ. އަމިއްލަ ނަފޔސާ މެދު ދެކުނު ގޮތް ބަދަލުވި އެވެ. ސެލްފްކޮންފިޑެންސް މަޑުމަޑުން ދާން ފެށި ކަހަލައެވެ. ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެންނެވެ.

މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުންމީދުގަ އެވެ. ކީމޯ އަށް ފަހު ރޭޑިއޭޝަންގައި އެއް މަސް ދުވަސް ހޭދަކުރީމެވެ. ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަން އަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހައެއް ނޫނެވެ.
އެހެން ނަމަވެސް އަޅުގަނޑުގެ ޢަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމަށެވެ.

ބައެއް ދުވަސް ދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއްދުވަހު މަސައްކަތަށް ނުކުންނަނީ އެވެ. ބަލިވިޔަސް ގައިގަ ވަރުނެތަސް ޙަރަކާތްތެރިވުން އިތުރު ކުރީއެވެ. ބައްޔާ މެދު ޕޮޒިޓިވްކޮށް ވިސްނަންފެށީމެވެ. ނަފުސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކި ކަހަލަ ނެގެޓިވް ޚިޔާލުތަކާއި ފިކުރުތަކުން ދުރަށް ދިއުމަށް ހިތާ ސިކުނޑިއާ ދެކޮޅަށް މަސައްކަތްކުރީ އެވެ. އަޅުގަނޑު ތަހައްމަލް ކުރަމުން ދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާ އެކީ ނޯމަލް ލައިފެއް އުޅެވޭތޯ މަސައްކަތް ފެށީމެވެ.

މާތް ﷲގެ ހެޔޮ ރަޙްމަތުން މިއަދު މިބަލިން ރަނގަޅުވުމަށް ކުރެވޭ ފަރުވާއާ އެކު އަޅުގަނޑުގެ މެސެޖަކީ މިއެވެ؛ ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. ވޭންދެނިވި ކަމެކެވެ. ބިރުވެރި ކަމެކެވެ. މާދަމާ ވެސް ވާނެގޮތެއް ނޭނގޭ ކަމެކެވެ. އެހެނަސް އުންމީދު ކަނޑާނުލާށެވެ. ކެތްތެރިވާށެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާށެވެ. ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަން ކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މި އިހުސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރާށެވެ. ބަލިތަކަށް ޝިފާ ދެއްވަނީ ﷲއެވެ.

ކެންސަރު ބަލީގެ ފަރުވާ ހޯދަމުން އަންނަ އެންމެހާ ފަރާތްތަކަށް ހެޔޮ ރަޙްމަތްލައްވާ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ.