Last Updated: July 27, 06:33
Saturday, July 27, 2024
ދުނިޔެ

އެމެރިކާގެ އިންތިހާބަށް ޗައިނާ ނުފޫޒު ފޯރުވައިފާނެ

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ޗައިނާ އިން ނުފޫޒު ފޯރުވަން އުޅެފާނެ ކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިހާބަށް ނުކުންނާނެ ކަމަށް ބެލެވޭ ޓްރަމްޕް ފޮކްސް ނިއުސްގެ "ސަންޑޭ މޯނިން ފިއުޗާސް" އަށް ވިދާޅުވީ އަބަދު ވެސް އެމެރިކާ އޮންނަން ވާނީ ޗައިނާ އަށް ފާރަވެރިވެގެން ކަމަށެވެ. އެގޮތުން އޭނަގެ ސަރުކާރުގައި ކުރިން ވެސް ޗައިނާއާ މެދު ވަރަށް ބޮޑަށް ސަމާލުވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިހާބަށް ޗައިނާ އިން ނުފޫޒު ފޯރުވަން ވެސް މަސައްކަތް ކުރާނެ،. އެހެންވީމަ ވޯޓާ ގުޅޭ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބެލެން ޖެހޭނެ." އޭނަ ވިދާޅުވި އެވެ.

ވެރިކަމުގެ ފުރަތަމަ ދައުރުގައި ޗައިނާ އަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރެއްވި ޓްރަމްޕް ވިދާޅުވީ އޭނަ އަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ޗައިނާ އިން އެމެރިމާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް މަދުވެގެން 60 ޕަސެންޓަށް ބޮޑު ވެސް ކުރާނެ އެވެ. އަދި ފަހަރުގައި އެ ނިސްބަތް އެއަށް ވުރެ ވެސް މަތިވެދާނެ ކަމަށް ވިދާޅުވި އެވެ.

ނޮވެމްބަރުގައި ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ޗައިނާ އިން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމަށް ޓްރަމްޕް ތުހުމަތުކުރެއްވި އިރު، މިދިޔަ ނޮވެމްބަރު މަހު ރައީސް ޖޯ ބައިޑެންއާ އެކީ ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެމެރިކާގެ އިންތިހާބަށް ޗައިނާގެ އެއްވެސް ނުފޫޒެއް ނުވަންނާކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ބައިޑެން އަކީ ޑިމޮކްރެކްޓްގެ ފަރާތުން އިންތިހާބަށް ނުކުންނަވާނެ ކެންޑިޑޭޓެވެ.

އެމެރިކާ އަކީ އަބަދު ވެސް ޗައިނާ ދެކެ ވަރަށް ބިރުގަންނަ، ޗައިނާ އަށް އަސާސެއް ނެތް ތުހުމަތުތަކެއް ކުރާ ގައުމެކެވެ.