Last Updated: May 21, 17:43
Tuesday, May 21, 2024
ޚަބަރު

އިންޑިއާއާ މެދު ހުޅު ރޯކުރީ ޔާމީން: ގާސިމް

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވީ ކުރީގެ އަބްދުﷲ ޔާމީންގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަކަށް ރާއްޖޭގެ ކަނޑު ސަރަހައްދުގައި އަރައި ބިރު ދެއްކި މައްސަލައާ ގުޅިގެން މަޖިީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން މާމިގިލީ ދާއިރާގެ މެންބަރު ވިދާޅުވީ މިހާރު ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ނުވަތަނަސްކަމުގެ ހުޅުގަނޑު ރޯކުރީ ޔާމީންކަމަށެވެ.

"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ހިތްހަމަ ނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ލީޑަރަކަށް ހުރި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" ގާސިމް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް."

މީގެ އިތުރުން ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެރުއްވި ގަރާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާތިލް ނުކުރައްވާތީ އެމަނިކުފާން ހުންނެވީ އެކަން ކުރައްވާ ގޮތަށް ނޫންކަން ސާފުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ގައުމެއްގެ ސިފައިން ވަދެ، ރާއްޖޭގެ އޮޑި ފަހަރަށް އަރައި އުޅުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅުވައި އިންޑިއާ ދެން މާލެ އަށް ވެސް އަރައިފާނެ ކަމަށް ވިދާޅުވެ އެކަމަށް ހިތްވަރު ދެއްވާ ގޮތަށް ހކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން އަންނަ ކަމަށާއި މިއީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ވެރިކަމުގައި މިތަނަށް ހެލިކޮޕްޓަރު ގެނެސްފައި އޮތީ ވެސް ބޭރުގެ ސިފައިން އޭގައި ހިމެނޭ ގޮތަށް ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް." އޭނަ ވިދާޅުވި އެވެ.

ޔާމީނާއި ނަޝީދުގެ ހާރިޖީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ގާސިމު ވިދާޅުވީ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި އިބްރާހީމް ނާސިރުގެ ހާރިޖީ ސިޔާސަތު ހިންގެވީ މާ ރަނގަޅަށް ކަމަށެވެ.