ފިލް ފޮޑެންގެ ހެޓްރިކުން 3-1 އިން ބްރެންޓްފޯޑްގެ މައްޗަށް މެންޗެސްޓާ ސިޓީން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު 22 މެޗުން ލިބުނު 49 ޕޮއިންޓާ އެކު ސިޓީ އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 23 މެޗުން ލިބުނު 51 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ 21 ވަނަ މިނެޓްގައި ނީލް މައުޕޭ ވަނީ ބްރެންޓްފޯޑަށް ލީޑު ނަގައިދީފަ އެވެ. މައުޕޭ މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދޭން އާލިން ހާލަންޑަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެންޓްފޯޑްގެ ގޯލްކީޕަރު ފްލެކެން ވަނީ ދިފާއުކޮށްފަ އެވެ.
ބްރެންޓްފޯޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ހާފްގެ ފަހު ވަގުތުކޮޅުތެރޭ ފޮޑެން ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 53 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ވެސް ފޮޑެން ކާމިޔާބުކޮށްދިން އިރު، މެޗުގެ 70 ވަނަ މިނެޓްގައި ފޮޑެން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ. ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ އެވަޓަންއާ އެވެ.