އައްޑޫ ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅައިލުން މުހިއްމު ނޫން ކަމަށާއި އައްޑު އަށް ބޭނުން ވަނީ ރަނގަޅު ފެރީ ނިޒާމެއް ކަމަށް އިކޯކެއާ މޯލްޑިވްސް އިން ބުނެފި އެވެ.
މި ސަރުކާރުން އައްޑޫގައި ބްރިޖެއް އަޅަން ނިންމާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ އަޅަން އުޅޭ ބްރިޖްގެ ސަބަބުން ހުޅުމީދޫގެ ވެއްޓަށާއިި ހިތަދޫ ނޭޗާ ޕާކް ސަރަހައްށް ލިބިދާނެ ގެއްލުންތަކާ ހެދި ކަމަށެވެ. އެހެންވެ އެ ތަންތަނުގެ ހިމާޔަތަށް މަސައްކަތްކުރުން މުހިއްމު ކަމަށް އިކޯކެއާއިން ބުންޏެވެ.
އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި ރަނގަޅު ފެރީގެ ނިޒާމެއްގެ ތެރެއިން އައްޑޫގެ އަވަށްތައް ގުޅައިލުން، ބްރިޖަކުން ގުޅައިލުމަށް ވެ ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑެވެ. ސަބަބަކީ އެފަދަ ވަސީލަތެއްގެ ސަބަބުން ދަތުރުފަތުރަށް އެކަށީގެންވާ ފަސޭހަތަކެއް ނުލިބުމާއި ބްރިޖް އެޅުމާއި އެ ބެލެއްޓުން ފަދަ ކަންކަމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވުމެވެ. އަދި މިއިން ކޮންމެ ކަމަކީ އޭހެ ނޭދެވޭ އަސަރު ތިމާވެއްޓަށް ކުރާނެ ކަމެއް ކަމަށް އިކޯކެއާ އިން ބުންޏެވެ.
އެހެންވެ އައްޑޫގައި ބްރިޖް އެޅުމާ މެދު ކަމާބެހޭ އިދާރާތަކުން ފުންކޮށް ވިސްނައި، މިކަމުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ ދޭތެރޭޢ ވިސްނުމަށް އެދިފައިވެ އެވެ.
އައްޑޫގައި ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައިު އައްޑޫ ބްރިޖް ސިފަކުރެއްވި އެވެ. އަދި މި ދައުރުގައި އެކަން ކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫ ބްރިޖް އަޅަން މިސްރުގެ ކުންފުންޏަކާ ހަވާލުކުރަން ވެސް މިހާރު އޮތީ ނިންމައިފަ އެވެ. އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި އެ ގައުމުގެ ކުންފުންޏަކީ ދި އަރަބް ކޮންޓްރެކްޓާސް ކުންފުންޏެވެ. އެ ކުންފުނިން ބްރިޖުގެ ސާވޭގެ މަސައްކަތްތައް ހިލޭ ސާބަހަށްކޮށްދޭނެކަމުގެ އިޝާރާތެއް ވެސް ދީފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މި ބްރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދަން ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން އެންމެ ރަނގަޅު ކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ބްރިޖާއި ގުޅޭ ސާވޭ އާއި ތަފާތު އެކި ދިރާސާތަކުގެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނުމަށް ހަމަޖެހިފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގެ ތެރޭގައި ބްރިޖާއި ގުޅޭ އިތުރު މަޝްވަރާތަކެއް އެހެން އެއްވެސް ފަރާތަކާ ނުކުރަން ވެސް ނިންމާފައިވެ އެވެ..
ސަރުކާރން ބުނެފައި ވަނީ ބްރިޖާ ގުޅިގެން ހަދަން ޖެހޭ ތަފާތު އެކި ސްޓަޑީޒްތައް ހެދުމަށް ހޭދަވާނެ ކަމަށް ބެލެވޭ ދެ މިލިއަން ޑޮލަރަކީ ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ވެސް ނޫން ކަމަށެވެ. ސާވޭ ނިންމުމަށް ފަހު ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޓެކްނިކަލް ޕްރޮޕޯސަލްގެ ހަރަދުތަކުގެ ތަފްސީލުތައް ހުށަހަޅަން ދި އަރަބް ކޮންޓްރެކްޓާސް އަށް އަންގާފައިވެ އެވެ.