Last Updated: July 27, 09:53
Saturday, July 27, 2024
ދުނިޔެ

މިސް ޖަޕާން ތާޖު ދޫކޮށްލައިފި

ދާދި ފަހުން ބޭއްވި "މިސް ޖަޕާން" މުބާރާތުގައި ވާދަކޮށް ތާޖު ހާސިލުކުރި ކެރޮލީނާ ޝީނޯ ތާޖު ދޫކޮށްލައިފި އެވެ.

އޭނަ އަށް ލިބުނު ރީތީގެ ރާނީގެ ތާޖު ދޫކޮށްލީ ކައިވެނިކޮށްގެން އުޅޭ މީހަކާ އެކީ ބޭއްވި ގުޅުމެއްގެ ވާހަކަ މީޑިއާތަކުން ފަޅާއަރުވައިލުމުން، އަމާޒުވި ފާޑުކިޔުންތަކާ ހެދި އެވެ. މިކަމާ ގުޅިގެން އިންސްޓްގަރާމްގައި ޖަޕާނު ބަހުން އާންމުކުރި ބަޔާނެއްގައި ކެރޮލީނާ، 26، ބުނީ އޭ ގުޅުން ބޭއްވި މީހާގެ އާއިލާގެ ކިބައިންނާއި ސަޕޯޓަރުންގެ ކިބައިން ވެސް މައާފަށް އެދޭ ކަމަށެވެ.

ކެރޮލީނާ ބުނީ އޭނައާ ހެދި ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި ކުރެވުނު ކަންތަކާ މެދު، ދެރަވެ، ހިތާމަ ވެސް ކަމަށެވެ. އަދި އެކަމާ ލަދުވެތި ވެސް ކަމަށް ބުންޏެވެ. އެހެންވެ ތާޖު ގެންދަން އޭނަ އަމިއްލަ އަށް "މިސް ޖަޕާން" މުބާރާތް އިންތިޒާމުކުރި ނިޕޯން އެސޯސިއޭޝަންގައި އެދުނީ އެވެ.

ތާޖު ދޫކޮށްލުމުގެ އިތުރަށް ކެރޮލީނާ ވަނީ އޭނަގެ މެނޭޖްމަންޓް އެޖެންސީއާ ވެސް ވަކިވެފަ އެވެ.

ނިޕޯން އެސޯސިއޭޝަންގެ ޗެއާ ކޯރޫ ވާޑާ ވިދާޅުވީ ކެރޮލީނާ ތާޖު ދޫކޮށްލުމުން "މިސް ޖަޕާން 2024" ގެ މަގާމު ހުސްވީ ކަމަށެވެ.

ކެރޮލީނާ އަށް އެ މަގާމު ލިބުމުން ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. ސަބަބަކީ އޭނަ އަކީ ޔުކްރޭނަށް އުފަން މީހަކަށްވުމެވެ. މިކަމާ ގުޅިގެން ކެރޮލީނާ ބުނެފައި ވަނީ އެހެން ގައުމަކަށް އުފަން ވިޔަސް އޭނަ އަކީ ހަތަރުކަށިމަތި ޖަޕާން މީހެއް ކަމަށެވެ.

ކެރޮލީނާ ޖަަޕާންގައި ދިރިއުޅެމުން އަންނަނީ އުމުރުން 5 އަހަރުން ފެށިގެންނެވެ.