Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ހައްޖާޖީންނަށް އެހީވާން ދިވެހި ދަރިވަރުންނަށް ހުއްދަ

ސައުދީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިވެހި ހައްޖާޖީންނަށް އެހީވުމަށް، ސައުދި އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ޤަބޫލުކޮށްފިއެވެ.

މިކަމަށް ހުއްދައަށް އެދިފައިވަނީ މިދިޔަ މަހު ކުރީކޮޅު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ މިހާރު މި ހުއްދަ ދިވެހި ދަރިވަރުންނަށް މިއަދު ލިބިފައިވާކަން ހާމަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ސައުދީގައި ތިބި ދިވެހި ދަރިވަރުންގެ ދަފްތަރެއް ޔުނިވާސިޓީތަކާއި ގުޅިގެން އެކުލަވާލާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް ދިވެހި ދަރިވަރުންނަށް ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް އެހީވުމުގައި އަދި ހައްޖުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

" މިއީ ކޮންމެ ކޮންމެ ޤައުމަކަށް މިހާތަނަށް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެހެން ފަހިވެފައި އޮންނަ ފުރުސަތެއްވެސް ނޫން. ވަރަށް ގިނަ ޤައުމުތަކުގެ ކިޔަވާ ކުދިން އެތަނުގައި ތިބުމާއެކު ވަރަށް މަދު ޤައުމަކަށް އެކަން ހަމަޖައްސާފައި އޮންނަނީ. " ޝަހީމް ވިދާޅުވިއެވެ.

އަދި މިކަން ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ހުށަހަޅައި މިހާރު މިނިސްޓްރީން އެކަމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެން ނޫނިއްޔާމު މިއޮންނަނީ ސައުދި އަރަބީއްޔާގެ ރައްޔިތަކަށްވެސް އެއިން ކިޔަވާ ކުއްޖަކަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރު ހައްޖުގައި ބައިވެރިވޭ ގޮތަށް ނިޒާމުގެ ތެރެއިން. ދެން އަޅުގަނޑުމެންނަށް ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި މިކަން ހަމަޖައްސަވައި ދެއްވީ. މީގެ ސަބަބުން ހާޖީންނަށް ވަރަށް ބޮޑު ފަސޭހަ ކަމެއް ލިބިގެން ދާނެ " މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރެއްގައިވެސް ދިވެހި ދަރިވަރުންނަށް މިކަމުގައި ބައިވެރިވެވޭނެ ކަމަށެވެ. މިގޮތުން ގައިޑުންގެ ގޮތުގައި ބަސް ދަންނަ ފަރާތްތައް ދަތުރު މަތީގައިވެސް ހަރަކާތްތެރިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ކުދިން ހަމަޖައްސުމުގެ ކަންކަން ކުރިއަށް ގެންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.