Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

ޅެމުން ނަފުސާނީ ފަރުވާ ހޯދުމާ ގުޅޭ މަޝްވަރާތަކެއް

ދިވެހި ޅެމުން ނަފުސާނީ ފަރުވާއާ ހޯދުމާ ގުޅޭ ފަންނީ މަސައްކަތްތަކާ ގުޅޭ ގޮތުންއެ ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށްފި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ޅެމުން ނަފުސާނީ ފަރުވާ ދިނުމަކީ ދުނިޔޭގެ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށާއި މިއީ ރާއްޖެއަށް ވަރަށް އާ ކަމަށް ވިޔަސް ދިވެހި ޅެން ބޭނުންކޮށްގެން ނަފުސާނީ ފަރުވާ ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ދިވެހި ޅެމުން ނަަފުސާނީ ފަރުވާ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން އެ ހިދުމަތަށް ހާއްސަ ބޭފުޅުންގެ ޚިޔާލު ހޯދައި އެކަމުގެ ފަންނީ މަސައްކަތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.

ބައްދަލުވުމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރު، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު އަދި ދަމަަނަވެށިން ވަނީ ބައިވެރިވެފައިވެ އެވެ.

މިކަމާ ގުޅޭ ދިރާސާތައް ހެދުމުގެ މަސައްކަތް ގައުމީ ޔުނިވަސިޓީއާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާ ވިދާޅުވި އެވެ.

މިނިސްޓަރު ނަސީރު ވަނީ ކަމާ ގުޅުން ހުރި ބައެއް މުއައްސަސާތަކާ ވެސް ބައްދަލުކޮށް މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.