Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ކައުންސިލަށް ދޮގު މައުލޫމާތު ދީފައިވާ ނަމަ ގޯތި އަތުލާނެ

ކައުންސިލަރ ޝިނާޒް އަދި މޭޔަރ އަލި ނިޒާރު / ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އައްޑޫއިން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދޭއިރު، އެއްވެސް ދޮގު މައުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެ ނަމަ އެ ގޯތި އަތުލެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ އަވަށްތަކުން ގޯތި ދޫކުރުމަށް ހުޅުވާލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަން ގޯތި ދޭން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެންމެ ފުރަތަމަ އިއުލާން ކުރެވުނު 1000 ގޯއްޗަށް ގުރުއަތުލުން މިއަދު ފަށާފައިވާއިރު، ފުރަތަމަ ގުރު ނަގަނީ ހިތަދޫ އަވަށުގެއެވެ. ގޯތި ލިސްޓު ޝާއިއުކޮށް އެއަށް ޝަކުވާ ހުށަހެޅުމަށް ވެސް ހުޅުވާލުމަށް ފަހު މިހާރު ވަނީ ދައިމީ ލިސްޓު ޕޮއިންޓުތަކާއެކު އާންމުކޮށްފައެވެ.

މި ލިސްޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކިގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށް މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި ކައުންސިލަރުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ލިސްޓުގައި ހިމެނޭ އެންމެންނަށް ވެސް ގޯތި ލިބޭނެ ކަމަށް މޭޔަރ އަލީ ނިޒާރު ވަނީ ޖަލްސާގައި ތަކުރާރު ކުރައްވާފައެވެ. މީގެ އިތުރުން، ކައުންސިލަރުންގެ ވަކި ލިސްޓެއް ނެތް ކަމަށާއި ކޮމެޓީގައި މަސައްކަތް ކޮށްފައިވަނީ އެންމެން ތިބެގެން ކަމުން އެއްވެސް މީހަކަށް ވަކި ގޮތެއް ހެދޭނެ މަގެއްވެސް ނެތް ކަމަށް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި މިމަސައްކަތުގެ މައުލޫމާތު އިތުރަށް ހިއްސާ ކުރަމުން ހިތަދޫ އަވަށު ގޯތި ކޮމެޓީގައި ހިމެނިވަޑައިގެންނެވި، ކައުންސިލަރ ޝިނާޒް އިބްރާހިމް ވިދާޅުވީ، ޕޮއިންޓް ދީފައިވަނީ ފޯމުތަކާއެކު ލާފައިވާ ލިއެކިއުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިހާރު ދީފައިވާ މައުލޫމާތުގައިވެސް އަދި ފަހުންވެސް ދީފައިވާ މައުލޫމާތު ދޮގުކަން އެނގިއްޖެ ހާލަތެއްގައި ބިން އަތުލާނެ ކަމަށެވެ.

" ކައުންސިލްގެ ވިސްނުމުގައި ހުރީ މިހާރު މި ދޫކުރާ ގޯތިތަކުގެ ތެރޭގައި އަދި ފަހުންވެސް، އަޅުގަނޑުމެންނަށް ދީފައިވާ މައުލޫމާތަކީ ގޯސް މައުލޫމާތެއް އެފަރާތުން ދީފައިވާނަމަ އެކަން އަޅުގަނޑުމެންނަށް ފާހަގަވާ ހިސާބުން ފެށިގެން (އަތުލާނެ). " ޝީނާޒް ވިދާޅުވިއެވެ.

މިގޮތުން އައްޑޫއިން ބިން ލިބޭ ހުރިހާ ފަރާތްތަކާއި އެކުވެސް އެގްރިމެންޓެއް ހަދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

" އެއެގްރިމެންޓުގެ ދަށުން ވަރަށް ސަރީހާކޮށް ޖަހާފައި އިންނާނެ ދޮގު މައުލޫމާތެއް އައްޑޫސިޓީ ކައުންސިލަށް ފޯރުކޮށްދީގެން އެކަން ފާހަގަ ކުރެެވިއްޖެ ނަމަ، އަޅުގަނޑުމެން އެ ބިން އެ ފަރާތަކުން ވަކި ކުރާނެ ކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ދެން " ޝިނާޒް ވިދާޅުވިއެވެ.

ދައިމީ ލިސްޓުގައި ޕޮއިންޓްތަކަށް ބަދަލު އައިސްފައިވާނަަމަ، އެއީ ލިބުނު އިތުރު ލިއެކިއުންތަކުގެ ސަބަބުން ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ރާއްޖޭގެ އެހެން ކައުންސިލްތަކުންނާއި އަދި ހުޅުމާލެއިންވެސް ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ ޑިސްކޮލިފައި ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އުސޫލުގައިވާ ގޮތުގެ މަތިން އެއްވެސް އަނބިމީހާ ނުވަތަ ފިރިމީހާގެ ބިމެއް އޮތް ނަމަ އެއަށް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.