Last Updated: July 27, 10:35
Saturday, July 27, 2024
ކުޅިވަރު

އިރާން ބަލިކޮށް ގަތަރު ފައިނަލަށް

އިރާން 3-2 އިން ބަލިކޮށް އޭޝިއަން ކަޕްގެ ފައިނަލަށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު ދަތުރުކޮށްފި އެވެ.

މިއީ އޭޝިއަން ކަޕްގެ ފައިނަލަށް ގަތަރު ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. ގަތަރަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ހަތަރުވަނަ މިނެޓްގައި ސަރްދާރް އަޒްމޫން ވަނީ އިރާނަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 17 ވަނަ އަބްދުއްސަލާމް ވަނީ ގަތަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަކްރަމް އަފީފް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ގަތަރަށް ލީޑު ނަގައިދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ އިރާނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.

ގަތަރު ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަލީ ރިޒާ ޖަހަންބަޚްޝް ވަނީ އިރާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން ގަތަރު މޮޅުވި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްމޮއޭޒް އަލީ އެވެ. މިއީ އިރާނުގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މުބާރާތުގެ ފައިނަލްގައި ގަތަރު ބައްދަލުކުރާނީ ޖޯޑަންއާ އެވެ. ޖޯޑަން ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެޔާ ކަޓުވާލުމަށްފަހު އެވެ.

ގަތަރާއި ޖޯޑަން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.