Last Updated: July 27, 10:26
Saturday, July 27, 2024
ދުނިޔެ

އިންތިހާބާ އެކީ ޕާކިސްތާންގައި އިންޓަނެޓެއް ނެތް!

ޕާކިސްތާންގެ އާންމު އިންތިހާބު ވޯޓްލުން މިއަދު ފެށުމާ އެކީ އެ ގައުމުން ވަގުތީ ގޮތުން މޮބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފި އެވެ.

އިންތިހާބުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނފައިފާނެކަމުގެ ބިރު ވެސް އޮތުމާ އެކީ އިންޓަނެޓްގެ ހިދުމަތުގެ އިތުރުން މޮބައިލްގެ ފޯނުގެ ހިދުމަތް ވެސް ކަނޑާލާފައިވާ ކަމަށް އިންޓީއާރިއާ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޕާކިސްތާންގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިއްޔެ ވެސް ބަލޮޗިސްތާންގައި ބޮން ގޮއްވި ހާދިސާއެއްގައި 28 މީހަކު މަރުވެފައިވެ އެވެ

ދެހާސް ބާވީސް ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސިޔާސީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ޕާކިސްތާންގެ އާންމު އިންތިހާބުގައި ވޯޓްލާން 128 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ 35 އަހަރުން ދަށުގެ މީހުންނެވެ.

އިންތިހާބުގައި 5،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިރު، އޭގެ ތެރެއިން 313 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.

ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ 336 ގޮނޑިއަކަށް މެންބަރުން އިންތިހާބުކުރާ އިރު، އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މެޖޯރިޓީ އަކީ މަދުވެގެން 169 ގޮނޑި އެވެ.

މިއަދުގެ ވޯޓުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން ބުންޏެވެ.